ފުވައްމުލަކުން ޕީއެންސީ ކުރީގައި އޮތް ގޮނޑި އެއްވަރުވެއްޖެ

ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ކުރި ހޯދި ކަމަށް ކުރިން ދެއްކި ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން އެ ގޮނޑިއަށް ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓު އެއްވަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުުންސިލް އިންތިހާބުގައި ފުވަމުއްލަކު ދަނޑިމަގު ދާއިރާގެ އަންހެން މެންބަރުގެ ވަގުތީ ނަތީޖާ އިއްޔެ އޮތް ގޮތުން ދެ ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވީ މިހާރު ވެސް އެ ދާއިރާގެ ޕީއެންސީ ކައުންސިލަރު އައިޝަތު އަބްދުލް ގާދިރެެވެ. އޭނާއާ ވާދަ ކުރެއްވީ މިނިވަން ކެންޑިޑޭޓު ޝީޒާ އިބްރާހިމް އެވެ.
ތަފްސީލު - އީސީގެ ވެބްސައިޓުން މިހާރު ފެންނަ ވަގުތީ ނަތީޖާއިން ހުރިހާ ފޮއްޓެއް އަޅާ ނިމުނުއިރު، އެ ދެ ކެންޑިޑޭޓުންނަށް ވެސް ލިބިވަޑައިގަތް ވޯޓު ވަނީ އެއްވަރުވެފަ އެވެ. އެގޮތުން:
އައިޝަތު އަބްދުލް ގާދިރު (ޕީއެންސީ): 484 (%50)
ޝީޒާ އިބްރާހިމް (އަމިއްލަ): 484 (%50)
ބާތިލު 104 ވޯޓު؛ ސައްހަ 968 ވޯޓު
1،306 މީހުންނަށް ވޯޓުލެވޭއިރު، 1،072 މީހުން ވޯޓުލި (%82)
މިގޮތަށް ވޯޓު އެއްވަރުވެއްޖެ ނަމަ ދާން ޖެހެނީ ދެވަނަ ބުރަކަށެވެ.
އީސީގެ ތަރުޖަމާނު އަދި މެންބަރު އަބްދުއްރަހްމާން ސޮލާހު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ދާއިރާގެ ވޯޓުތަކުގައި އިތުރު މައްސަލައެއް ނުވަތަ ޝަކުވާއެއް ނެތް ނަމަ، ގާނޫނުގައިވާ ގޮތަށް ދެވަނަ ބުރެއް ބާއްވާނެ އެވެ.
މިއީ، މި އިންތިހާބުގައި އަދި މިހާތަނަށް މިގޮތަށް އެއްވަރުވެ، ދެވަނަ ބުރަކަށް ދާން ޖެހުނު ފުރަތަމަ ދާއިރާ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވަގުތީ ނަތީޖާއިން ފުވަމުއްލަކު މޭޔަރު ހިމެނޭހެން، އެ ސިޓީގެ އަށް ދާއިރާގެ ތެރެއިން ހަތް ދާއިރާ ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓުންނެވެ. ވޯޓު އެއްވަރުވި ދާއިރާއަށް އެމްޑީޕީން ކުރިމައްޗެއް ނުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ