ދިވެހި ހުނަރުވެރިންގެ ހިޔާލުތައް ސަރުކާރުތަކުން 'ވަގަށް ނެގި' ގޮތް

މީގެ 9 އަހަރު ކުރި އެވެ. މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ގެނެސް، ސައިކަލު ދުއްވާ މީހުންނަށް އާމްދަނީއެއް ހޯދައިދިނުމުގެ މަގުސަދުގައި ޒުވާނުންތަކެއް ހިޔާލެއް އުފަންކޮށް ހަގީގަތެއް ހަދަން ނުކުތެވެ. އެ މީހުންގެ އުފެއްދުމަކީ، ރާއްޖެއަށް އޫބާ ފަދަ ހިދުމަތެއް ތައާރަފްކުރުމަށް ތައްޔާރުކުރި 'ރައިޑް މޯލްޑިވްސް' އެވެ.
އެ ޓީމުގެ އެކަކީ މިހާރު ދެކުނު ކޮރެއާގައި ހުރެ، ދުނިޔޭގެ މަޝްހޫރު 'ލޮޓީ ފައިލްސް'ގެ ފައުންޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ނަސްރުﷲ އަދުނާން (ނައްޓު) އެވެ. އޭނާ ވަނީ އެ ހިޔާލު އޭރުގެ ސަރުކާރުން ވަގަށް ނަގައި މަރާލި ގޮތް ދާދި ފަހުން އެކްސްގައި ކިޔައިދީފަ އެވެ.
"އެޕްލިކޭޝަން އޮތީ ލޯންޗުކުރަން ތައްޔާރަށް. 200އަށް ވުރެ ގިނަ އަންހެން އަދި ފިރިހެން ޑްރައިވަރުން ވެއިޓްލިސްޓުގައި ތިބި،" ނަސްރުﷲ ބުންޏެވެ.
ރައިޑް މޯލްޑިވްސްގެ ޓީމުން ބޭނުންވީ އެ ހިދުމަތް ފެށުމުގެ ކުރިން އެޕްލިކޭޝަން ދައްކާލައި ސަރުކާރުގެ އެއްބާރުލުން ހޯދުމަށެވެ. އެހެންވެ، އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެ ޓީމުން ބައްދަލުކުރި އެވެ. ކަންވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ.
ޖެހިގެން އައި ދުވަހު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އިކޮނޮމިކް މިނިސްޓްރީން ނޫސްބަޔާނެއް ނެރެ، ސައިކަލް ޓެކްސީގެ ހިދުމަތް ސަރުކާރުން ފަށަން އުޅޭ ކަމާއި އާ ގަވާއިދެއްގެ ދަށުން ކުންފުނިތަކަށް ކުރިމަތިލެވޭނެކަން އިއުލާންކުރި އެވެ. މިނިސްޓްރީން އެ މީހުންނަށް އެންގީ އާ ގަވާއިދުގެ ދަށުން ކުރިމަތިލުމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވައިދު ހަދަން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނެގި އެވެ.
އެންމެ ހިތާމަވެރި ކަމަކީ، އެ ޒުވާނުންގެ އަސްލު ހިޔާލު ވަގަށް ނެގުމުގެ އިތުރަށް އެ ޒުވާނުންގެ ރައިޑް އެޕްގައި ހިމަނާފައިވާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތައް ސަރުކާރުން އާންމުކުރި ގަވައިދުގައި ނެތުމެވެ. ފަހުން ސަރުކާރުން އެ މީހުންނާ ބައްދަލުކޮށް، ހިޔާލު ހޯދަން ވެސް ބޭނުމެއް ނުވި އެވެ.
ރައްކާތެރި ހިދުމަތަކަށް އެޕްލިކޭޝަން އަޕްޑޭޓްކުރަން ކުރި މަސައްކަތަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ހުރަސްއެޅި އެވެ. ނަތީޖާއަކަށްވީ އެ ޕްރޮޖެކްޓް އެކީ ހުއްޓާލަން އެ ޒުވާނުންނަށް މަޖުބޫރުވުމެވެ. ފަހުން އޭރުގެ ސަރުކާރާ ގުޅުން އޮތް ބަޔަކު ސައިކަލް ޓެކްސީގެ މި ހިދުމަތް ފެށި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ވެސް ހުއްޓުނީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ފަހުން އެ މީހުންނަށް ގުޅައި ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސްދޭނެ ކަމަށް ބުނި ނަމަވެސް، އޭރު ވަގުތު ފާއިތުވެއްޖެ އެވެ. އޭރު އެ ޓީމު އޮތީ އެމީހުންގެ އާ ޕްރޮޖެކްޓްތަކުގައި ބިޒީވެ ޝައުގުވެރިކަން ވެސް ގެއްލިފަ އެވެ.
ނަސްރުﷲ ސިފަކުރި ގޮތުގައި، އެ މީހުން އޫބާ ފަދަ ޒަމާނީ ސިސްޓަމެއް ތައާރަފްކުރަން އުޅުނުއިރު، ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އޮތީ ތައިލެންޑުން ސައިކަލް ޓެކްސީގެ ކޮންސެޕްޓް ދަސްކުރާށެވެ.
މިއީ ހަމައެކަނި ޒުވާނުން ފައްކާކުރި އެއް ހިޔާލަކަށް ދިމާވި ގޮތެއް ނޫނެވެ. މުހައްމަދު ރިލްވާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ވެމްކޯއަކީ ވެސް އޭނާގެ ރައްޓެއްސެއް ކަމަށްވާ އާސިފް ރަޝީދުގެ ހިޔާލެއް ވަގަށް ނަގައިގެން ސަރުކާރުން އުފަންކުރި ހިދުމަތެކެވެ. އެ ހިޔާލު ފައްކާކޮށް އިކޮނޮމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅައި އިންޓަވިއު ވެސް ކުރި އެވެ. އަދި ދެވަނަ އިންޓަވިއުއަކަށް ގުޅާނެ ކަމަށް ބުނި ނަމަވެސް، ފަހުން ފެނުނީ އެ ހިޔާލުގެ މައްޗަށް ސަރުކާރުން އަމިއްލައަށް ހިދުމަތެއް ފަށާކަމުގެ ސުރުހީތައް ނޫސްތަކުންނެވެ.
މި ވާހަކަތައް އެކްްސްގައި ފެންމަތިވުމާ އެކު މިއީ ރާއްޖޭގައި އާންމު ކަމަކަށް ވެފައިވާ ކަމަށް ބުނެ އެތައް ބައެއްގެ ތަޖުރިބާތައް ބަންޑުން ކުރި އެވެ. މިކަމާ ގުޅޭ ގޮތުން އެކްސްގައި ހިޔާލު ފާޅުކުރި ފަރާތްތަކުން ސިފަކުރި ގޮތުގައި، އިކޮނޮމިކް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލްއަކީ ޒުވާނުން އިސްނަގައިގެން ގެންނަ ހިޔާލުތައް ގެއްލޭ 'ބާމިއުޑާ ޓްރައިއޭންގަލް'އެއް ފަދަ ތަނަކަށް ވަނީ ވެފަ އެވެ.
"އަހަރެންނަށް ލިބުނު ފިލާވަޅަކީ ދުވަހަކު ވެސް ސަރުކާރަށް އެއްވެސް އެއްޗެއް ޕިޗު ނުކުރުން،" ފިޝީގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ ޑިވަލޮޕަރެއް އޭނާގެ ހިޔާލު ފާޅުކުރަމުން ބުންޏެވެ.
އަނެއް ބަޔަކު ބުނީ މިއީ "ރާއްޖޭގައި ހުނަރުވެރިންގެ އަގު ވަޒަންކުރާ ގޮތް" ކަމަށެވެ. ހުނަރުވެރި އުފެއްދުންތެރި ޒުވާނުންގެ އަގު ވަޒަންކުރާ ގޮތެވެ. އެހެންވެ މިފަދަ އެތައް ޒުވާނުންނެއް ރާއްޖެ ދޫކޮށް ގޮސް ދިރިއުޅެނީ ބޭރު ގައުމުތަކުގަ އެވެ.
"ދިވެހި ސަރުކާރުތަކަކީ އަބަދު ވެސް މީހުންގެ ހިޔާލުތައް ވަގަށް ނަގަން ތައްޔާރަށް ތިބޭ މިނިކާ ދޫނިތަކެއް ފަދަ ބައެއް،" މީހަކު ހިޔާލު ފާޅުކުރި އެވެ.
އެކަމަކު، ސަރުކާރުތަކުން ހަދާން ނެތޭ ކަމަކީ އާންމުން ފައްކާ ކުރާ ހިޔާލެއް ވަގަށް ނެގިއަސް އެ ހިޔާލު އަސްލު އުފެއްދި މީހުން ނެތް ނަމަ އަދި އެ މީހުން އެކަން ނުކުރާ ނަމަ އެ ވިޔަފާރި ކުރިއަށް ނުދާނެ ކަމެވެ. އަދި އެ ޖޯޝު ވެސް ނުހުންނާނެ ކަމެވެ. އަމިއްލަ ޒުވާނުންގެ ހުނަރާއި އީޖާދީ ވިސްނުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެމީހުންގެ މިންނެތް މަސައްކަތް ވަގަށް ނެގުމުގެ ނަތީޖާ އަކީ ނަސްރުالله ފަދަ އެތައް ޒުވާނުންނެއް ރާއްޖެ ދޫކޮށް ދިޔުމެވެ. ޒުވާނުންގެ ހިޔާލުތަކަށް އެހީތެރިވުމުގެ ނަމުގައި ހުޅުވާލާ ފުރުސަތުތަކަކީ އެމީހުންގެ ހިޔާލުތައް ވަގަށް ނަގަން ފަހިކުރާ މަގަކަށް ވެގެން ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ