މިއީ ޕީއެންސީ މެންބަރުން މިނިވަންވާންވީ ވަގުތު، އެ ނޫންގޮތަކަށް ތިބޭނީ އަމިއްލަ މަންފާއެއްވާތީ: އަލީ ހުސައިން

މިއީ ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން މިނިވަންވެވަޑައިގެން ރައްޔިތުންގެ ވިސްނުމާ އެއްކޮޅަށް މަސައްކަތްކުރަން ފުރުސަތު އޮތް ވަގުތުކަމަށް ގާނޫނީ ވަކީލް އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ބޮޑު އިންތިޚާބުގައި މަޖިލިސް އިންތިޚާބު،މ ރިޔާސީ އިންތިޚާބާ އެއްދުވަހެއްގައި ބާއްވަން ސަރުކާރުން ހުށަހެޅި ފެންނަނުފެންނަ ވޯޓުގައި ގާތްގަނޑަކަށް 70 އިންސައްތަ ރައްޔިތުންވަނީ ނޫނެކޭ ބުނެފައެވެ. ގިނަ ބަޔަކު ސިފަކުރަނީ މިއީ ދައުރުގެ މެދުތެރޭ ސަރުކާރަށް ތާއީދު ނެތްކަން ހާމަކުރި ވޯޓެއްގެ ގޮތުގައެވެ. ހަމަ މި ދަނޑިވަޅުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރު އަސްމާ ރަޝީދު، ސަރުކާރާމެދު ނުރުހުން ފާޅުކުރައްވާ ކޯލެއްގެ ރެކޯޑިން ލީކުވެފައިވަނިކޮށް އިއްޔެވަނީ އޭނާގެ ދެ ބޭފުޅަކު ތިއްބެވި ސަރުކާރުގެ އިސް މަގާމުތަކުން ވަކިކުރައްވައިފައެވެ. މި ކަންކަމާ ގުޅިގެން އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މިއީ މެންބަރުން މިނިވަންވާންވީ ވަގުތުކަމަށާއި ހާސްވާންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އިތުރު ތަފްސީލް ދެއްވަމުން "ސަން"އާ ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އިސްލާހާމެދު ވެސް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް އަހައިފިނަމަ ބޮޑު އަޣުލަބިއްޔަތަކުން ނޫނެކޭ ބުނާނެކަމަށެވެ. އަދި މިހާ ދިގު މުއްދަތެއް ވީއިރު ވެސް ސުޕްރީމް ކޯޓުގައި ވެސް އެ އިސްލާހުގެ މައްސަލަ ޕާކުކޮށްފައި އޮތީ އެއީ ގޯސް އެއްޗެއްކަން އެ ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެނގިވަޑައިގަންނަވާތީކަމަށް އަލީ ވިދާޅުވިއެވެ. "އެހެން ހުރިހާ މައްސަލައެއް ހަމަ ލީ އެބަ ނިންމައެއްނޫންތޯ. އެކަމު އެ މައްސަލައެއް ނުއެއް ނިންމައެއްނޫންތޯ،" އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓީގެ ނިންމުން ނުވަތަ ވިޕްލައިނަށް މަޖިލިސް މެންބަރަކު އަމަލުނުކުރިކަމުގައިވީ ނަމަވެސް ގޮނޑި ގެއްލޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ މެންބަރަކު ދެކެވަޑައިގަންނަވާ ގޮތަކަށް މަޖިލީހުގައި އަމަލުކުރެއްވުމުގެ މިނިވަންކަން އޮންނަންވާނެކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ މިހާރުގެ ހާލަތުގައި މެންބަރެއްގެ ގޮނޑި ގެއްލިގެން ސުޕްރީމް ކޯޓަށް މައްސަލަ ޖައްސައިފިނަމަ އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެކަން ނިންމާނެކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. https://sun.mv/214349 ސަބަބަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަންވެގެން އެހި ފެންނަނުފެންނަ ވޯޓުގައި ރައްޔިތުން ނިންމި ގޮތުން ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެފައިވާ ގޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ފެނިވަޑައިގެންފައިވާނެތީކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ މިފަދަ ނަތީޖާއެއް ފެނިފައި އޮތްއިރު މަޖިލިސް މެންބަރުން ބިރުގަންނަން ޖެހިވަޑައިގަންނަވާނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މިއީ މެންބަރުން މިނިވަންވާންޖެހޭ ވަގުތު ކަމަށާއި، މިވަގުތު އެ ނޫން ގޮތަކަށް ތިބޭނީ އަމިއްލަ މަންފާއެއްވާތީ އުޅުއްވާ މެންބަރުންކަމަށް އަލީ ތުހުމަތުކުރެއްވިއެވެ. އަދި އެއީ އެއްގޮތަކަށް ވެސް ގާނޫނު އަސާސީގައި އޮތް ވާހަކައަކުން ގޮނޑި ގެއްލިދާނެތީ ބިރުން ތިއްބަވާ މެންބަރުންތަކެއް ނޫންކަމަށް އަލީ ވިދާޅުވިއެވެ. މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން މީގެ ކުރިން އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ މިއަދާ ހަމައަށް އައިއިރު ވެސް އޮތީ ސުޕްރީމް ކޯޓުގައި ހުއްޓިފައެވެ. އެ މައްސަލަ ހުއްޓިފައި އޮންނަތާ ވެސް އަހަރަކަށް ވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ. ސުޕްރިމް ކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު ދައުލަތުން، ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވަކާލާތު ވެސް ކުރިއެވެ. ނަމަވެސް އޭރުގެ ސުޕްރިމް ކޯޓުގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ. އެއާއެކު ދެން ފެނުނީ ސުޕްރިމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި ތަނެވެ. ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ އެ މައްސަލައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ