ޔާމީން އެމްޑީޕީއަށް: މިއީ މަޑުން ތިބެންވީ ވަގުތެއް ނޫން؛ ރައްޔިތުން އެ ހަވާލުކުރީ ޒިންމާއެއް

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން ރައްޔިތުން އެމްޑީޕީއަށް ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާ ކަމަށާއި މިއީ މަޑުން ނުތިބެ، ރައްޔިތުން އެދޭ ގޮތަށް މައްސަލަތަައް ހައްލުކޮށްދޭންވީ ވަގުތު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި މުހިންމު ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ހަމަ އެ ދުވަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ބޮޑު އަގުލަބިއްޔަތަކުން ރައްޔިތުން ސަރުކާރަށް ބުނެފައިވަނީ ނޫނެކޭ އެވެ.
ބުނީ ކީކޭ؟ - ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކައުންސިލް އިންތިހާބުން އެމްޑީޕީއަަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ.
ޔާމީން ވިދާޅުވި ގޮތުން، މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބުނީ ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި މި ދަނޑިވަޅުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މި އިންތިހާބުގައި ވާދަކުރި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށްވުމުންނެވެ. ކައުންސިލް އިންތިހާބަކަށް ބަލާއިރު އާދަޔާ ހިލާފު ގިނަ ބަޔަކު މިފަހަރު ވޯޓުލާން ވެސް ނިކުމެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ޕީއެންސީއަށް ވޯޓުނުދޭށޭ އަޅުގަނޑުމެން ބުނީމާ، އަޅުގަނޑުމެންގެ ބަސް ގަބޫލުކުރާ ބަޔަކާއި ރައްޔިތުންގެ ތެރޭން ޕީއެންސީން ވެރިކަމުގައި ތިބެގެން މިކުރި ކަންތަކާ މެދު ހިތްހަމަނުޖެހޭ މީހުން ދެން ވޯޓުލާން އޮތީ، ވަށިގަނޑަށް ވޯޓު އެއްލާ ނުލަންޏާ ދެން ލާނީ އެމްޑީޕީއަށް ދެއްތޯ. އެހެންވީމާ އެމްޑީޕީއަށް ނޫން ބަޔަކަށް ވޯޓެއް ނުލިބޭނެނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު، އެފަދަ ކޮންމެ ކާމިޔާބީއަކާ އެކު ބޮޑެތި ޒިންމާތަކެއް ވެސް ހަވާލުވާނެކަން ދަންނަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
ދައުލަތުގެ ހުރިހާ މިނިވަން މުވައްސަސާތައް ވެސް ހިމެނޭހެން ސަރުކާރުގެ ނުފޫޒާއި ބާރުގައި ތާށިވެފައި އޮތް އޮތުން ހައްލުކުރުމުގެ ބާރު ރައްޔިތުން މިހާރު ދީފައިވަނީ އެމްޑީޕީއަށް
މިހާރު މިއޮތް ސަރުކާރާ ހެދި އަގުޅިޖެހިފައި އޮތް ހުރިހާ ކަމެއް ނިއުޅާލުމުގެ ބާރު މިހާރު އެމްޑީޕީގެ އަތުގައި އޮންނާނެ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައްޔިތުންގެ ގާތަށް ދިއުމުގެ ހައްގު އެމްޑީޕީއަށް ލިބޭނީ މިފަދަ މައްސަލަތައް ހައްލުކޮށްދީގެން
ކުރިއަށް އޮތް ދެ އަހަރު ތެރޭ މިކަންކަން ހައްލުކޮށްނުދީ ރައްޔިތުންގެ ގާތަށް 2028ގައި ގޮސްގެން ނުވާނެ
"އެހެންވީމާ އަޅުގަނޑު އެމްޑީޕީއަށް ދޭން ބޭނުންވާ މެސެޖަކީ، އެމްޑީޕީ މިއަދު ތި ތިބީ ހަމަ ޒިންމާދާރު މަގާމެއްގައޭ. ކޮންމެހެން ސަރުކާރު ހިންގާކަށް ނުޖެހެޔޭ ރައްޔިތުންނަށް ހިދުމަތް ކުރާކަށް. މިހާރު މި ސަރުކާރުން ހިންގާ ގޯސްތައް ރައްޔިތުން މިތިބީ ބަލާށޭ އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވާތަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ސަރުކާރުގެ ނުފޫޒާ ހެދި އޭސީސީ އާއި ކޯޓުގައި މަޑުޖެހި ހުރި މައްސަލަތައް ބަލައި އެފަދަ ހުރިހާ ކަންކަމެއް ހައްލުވަންދެން އެ މުވައްސަސާތަކުގެ ފަހަތުން އެމްޑީޕީން މިއަދުން ފެށިގެން ދުވަންޖެހޭ ކަމަށެވެ.
"މިހާރު އެމްޑީޕީ އެއްގޮތަކަށް ވެސް މަޑުމަޑުން ތިބޭނެ ކަމެއް ނެތް. މިހާރު އެބަޖެހޭ މިހެން ހުރި ހުރިހާ މައްސަލަތައް ހައްލުކުރަން. ލިބޭ ކޮންމެ ބާރުވެރިކަމާއެކީ ޒިންމާތަކެއް ހަވާލުވާކަން ގަބޫލުކުރަންވާނެ. އެހެންވީމާ އެ މީހުންގެ ޒިންމާއެއް މިއަދު މިއޮތީ މި ސަރުކާރާ ހެދި، ސަރުކާރު ހިންގާނުދިން ހުރިހާ މައްސަލަތައް މާދަމާ އެބަޖެހޭ އެމްޑީޕީން ނުކުމެ މި މައްސަލަތައް ނިމެންދެން މި މުއައްސަސާތަކުގެ ފަހަތުން ދުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ