ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ އެމްޕަރާ ހިޒް މެޖެސްޓީ ނަރުހީތޯ އަދި ބޮޑުވަޒީރު ހަރ އެކްސެލެންސީ ސަނާނޭ ތަކައިޗީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޖަޕާނުގެ އެމްޕަރާއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައި ވެއެވެ.
އަދި ފާއިތުވެ ދިޔަ ފަންސާސް އަހަރުގެ ތެރޭގައި، ދެޤައުމުގެ މެދުގައި، އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ވިދާޅުވެފައި ވެއެވެ.
އަދި ރާއްޖޭގެ ތަރައްގީއަށް، ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެ ގައުމުގެ މެދުގައިވާ ގާތްގުޅުން، ކުރިޔަށް އޮތް ތާގައިވެސް އިތުރަށް ބަދަހިވެގެން ދިޔުމަށާ، އަދި މިގުޅުމުގެ ޒަރީއާއިން ދެ ގައުމަށާ، ރައްޔިތުންނަށް އިތުރު ތަރައްގީއާ ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ބޮޑުވަޒީރު ހަރ އެކްސެލެންސީ ސަނާނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ، ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިގުޅުން ބިނާވެފައިވަނީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ތެރެއިންކަން ފާހަގަކުރައްވާފައި ވެއެވެ.
ހަމަމިޔާއެކު، ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރާ ދަތުރުގައި، ޖަޕާނުން ވެދެއްވާފައިވާ، އަގުނުކުރެވޭފަދަ އެހީތެރިކަން ފާހަގަ ކުރައްވާފައި ވެއެވެ.
އަދި މިގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ކުރިއަރައި، ހަރުދަނާވެގެން ދިޔުމަށާ، މި ރަޙްމަތްތެރިކަމުގެ އެހީގައި، ދެޤައުމުގެ ކުރިއެރުމަށް އިތުރުދޮރުތައް ހުޅުވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ސިޓީފުޅު ނިންމަވާލައްވަމުން، ޖަޕާނުގެ އެމްޕަރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
ޖަޕާނުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 23 ފެބުރުވަރީއެވެ.
ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ