މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެފިއެވެ. 
މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިންނެވެ. 
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ސިލްސިލާކޮށް މާލެ ސަރަހައްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ރޭ އަތުލައިގަނެފައި ވަނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށެވެ.
އަތުލައިގަތް މީހުންގެ ތެރޭގައި ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނެއް ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިން މީހެއްވެސް ހިމެނެއެވެ. ހަމައެހެންމެ މިފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 
މިދިޔަ މަހުން ފެށިގެން އިމިގްރޭޝަނުން ކުރިއަށް ގެންދަމުންދާ ހާއްސަ ރެއިޑް އޮޕަރޭޝަންގައި މިހާތަނަށް ވަނީ 100 އަށްވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެކެވެ. އަދި މިފަދަ ފަރާތްތަކަށް ގާނޫނުގައި ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެން ވެއެވެ.
    
    ނުގަވާއިދުން ވިޔަފާރި ކުރަމުންދިޔަ އިތުރު 7 ބިދޭސީން އަތުލައިގަނެ، 3 ޓޭކްއަވޭ ކެފޭ ބަންދުކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ