ރައީސްގެ ދެކަނބަލުން މާދަމާ އުމްރާއަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް މާދަމާ ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިމަހުގެ 6 ވާ ހޯމަ ދުވަހު ސައޫދީއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި އެ ދަތުރުފުޅަކީ ސައޫދީގެ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީއާއެކު ކުރިއަށްދާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ނިމިފައިވާ އިރު، މިއީ އަޅުކަމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ ހާއްސަ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ