ވަތަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމު)ގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު މިއަދު އިތުރުކޮށްފިއެވެ. ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވާން ފުރުސަތު ހުޅުވާލީ މިދިޔަ މިދިޔަ މަހުގެ ނުވައެއްގައެވެ. އޭރު ކުރިމަތިލުމުގެ މުއްދަތު ދީފައި އޮތީ މިއަދުގެ ނިޔަލަށެވެ. ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ 14:00އަށް އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން ކުރިމަތިލެވޭނެއެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން އޮންލައިންކޮށް ހުށަހެޅޭނެއެވެ. ނުވަތަ ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ފުރަތަމަ ނެރުނު އިއުލާނުގައިވެއެވެ. ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުން ޖަނަވަރީ މަހު ވަނީ މާފިލާފުއްޓަށް ފަރިތަކުރުންތަކަށް ފުރާފައެވެ. އެއީ ވެސް 350 ދަރިވަރުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމުރީނުކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ