ބޭސް ނުލިބުމުގެ ޝަކުވާއަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިރޭ ވިދާޅުވީ މިއަދު ލޯންޗު ކުރި ކޯލް ސެންޓަރަކީ ބޭސް ނުލިބުމުގެ ތަކުލީފާ އެކު ރައްޔިތުންގެ ހުރި ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ތައާރަފު ކުރި ކޯލް ސެންޓަރެއް ކަމަށެވެ.
ބުނީ ކީކޭ؟ - "ނުލިބޭ ބޭހާއި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭހާއި އަދިވެސް ބޭހާ ގުޅިގެން ދިމާވާ ޝަކުވާތަކާ، މިކަންތައް އަޑުއަހައި އަޅުގަނޑުމެން އެކަންތައްތައް ހައްލުކޮށްދޭނެ ސިސްޓަމެއް މި ގާއިމް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ވެސް ކޯލް ސެންޓަރަށް ގުޅުއްވީމާ، އެ ޝަކުވާއެއް އަޑުއަހާފައި އެއަށް ހައްލެއް އަޅުގަނޑުމެން ހޯދައިދޭނަން."
ޝާހު މާހިރު ވިދާޅުވީ ކޯލް ސެންޓަރާ އެކު ޕޯޓަލް އެއްވެސް ތައާރަފުކޮށްފައިވާ ކަމަށާއި އެ ޕޯޓަލަކީ ބޭސް ސިޓީ އަޕްލޯޑުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ކަމަށެވެ.
"މިހާރު ވެސް އާސަންދަ ތްރޫކޮށް ބޭސް ސިޓީ އެބަ ރިސީވްވޭ. އެ ނިޒާމު ވެސް ބޭނުން ކުރެވޭނެ. އަޅުގަނޑުމެން އާސަންދަ އާއި އެންސްޕާއާ ގުޅިގެން ސްޓޭޓް ފާމާގެ މަސައްކަތްތައް ބައްޓަންވެފައި މި ހުންނަނީ،" އޭނާ ވިދާޅުވު އެވެ.
ޝާހު މާހިރު ވިދާޅުވީ، ކޯލް ސެންޓަރަކީ ރަައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އަދި ބޭހާ ގުޅިގެން ދިމާވާ މައްސަލަތައް އަޑުއަހައި އެއަށް ހައްލެއް ހޯދޭނެ ނިޒާމެއް ކަމަށެވެ.
ސްޓޭޓް ފާމާ ކުންފުނީގެ ކޯލް ސެންޓަރު 1505އަކީ 24 ގަޑިއިރު ހިދުމަތް ދޭ ހޮޓްލައިން ނަންބަރެކެވެ.
އެ ނަންބަރަށް ލިބޭ ޝަކުވާތަކަކީ ވަގުތުން ހައްލު ކުރެވޭނެ ކަމެއް ނަމަ އެކަމެއް ވަގުތުން ހައްލުކޮށްދޭނެ ކަމަށާއި ބޭރުން ބޭހެެއް ގެންނަން ޖެހޭ ހާލަތެއްގައި ވެސް ވަގުތުން އެކަން ފަށާނެ ކަމަށް ޝާހު މާހިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެއިމްއަކީ ބޭނުންވާ ބައެއްކަހަލަ ޒަރޫރީ ބޭސްތައް ވަރަށް އަވަހަށް، ދެތިން ދުވަހެއްގެ ތެރޭ ގެނެވޭ ބޭސް ވެސް ހުންނާނެ. އޭގެ އިތުރަށް ދެ ހަފްތާ ތެރޭ ގެނެވޭ ބޭސް ވެސް ހުންނާނެ. އަޅުގަނޑުމެން އޭގެ އާޖެންސީއަށް ބަލާފައި މަސައްކަތްތައް ދާނީ ބައްޓަންވަމުން،" އޭނާ ވިދާޅުވި އެވެ.
ޝާހު މާހިރު ވިދާޅުވީ އެންސްޕާ އާއި އާސަންދައާ ގުޅިގެން މިހާރު ވެސް ބޭސް ސިޓީތަކަށް ބޭސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަމާޒަކީ ރާއްޖޭގައި ލިބެންޖެހޭ ބޭސްތައް ހުސްނުވެ، ބެހެއްޓުން ކަމަށާއި ފާމަސީތަކުން މެދުނުކެނޑި ބޭސް ލިބެން ހުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭސް ނުލިބުމުގެ ޝަކުވާއަށް ހާއްސަ ހޮޓްލައިން 1505 ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ