މި އަހަރު އެމެރިކާގައި ހަދަން ރޭވި ގިނަ ޑޭޓާ ސެންޓަރުތައް ހުއްޓުމަކަށް
މި އަހަރު އެމެރިކާގައި ހަދަން ނިންމާފައިވާ ޑޭޓާ ސެންޓަރުތަކުގެ ދެބައިކުޅަ އެއްބައި މަޝްރޫޢު މަޑުޖެހި ނުވަތަ ކެންސަލްވުމުގެ ބިރު ހީވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން އެމެރިކާގައި ގިނަ އަދަދެއްގެ ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް އަވަސްވެގެންފައިވީ ނަމަވެސް، އެ ގައުމުގެ އެތެރޭގެ އުފެއްދުންތެރިކަމާއި ހަކަތަ ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ ހުރެ މި މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ. އެމެރިކާގައި ހަދަން ރާވާފައިވާ ޑޭޓާ ސެންޓަރުތަކުގެ ތަފާސް ހިސާބު ޗާޓެއް --- ނަތީޖާއެއްގެ ގޮތުން، ފަހަކަށް އައިސް ފެށި މަޝްރޫޢުތަކުގެ ތެރެއިން، މަސައްކަތުގެ އަމާޒަށް ވާސިލްވަމުންދަނީ އެންމެ ދެބައިކުޅަ އެއްބައި މަޝްރޫޢެވެ. އަދި މި އަހަރުގެ ތެރޭގައި ތާވަލާ އެއްގޮތަށް ކުރިއަށްދާނީ ކިތައް މަޝްރޫޢުކަމެއް މިހާތަނަށް ކަށަވަރެއް ނުވެއެވެ. 'ސައިޓްލައިން ކްލައިމެޓް'ގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި، މި އަހަރު އެމެރިކާގައި ބޭނުންކުރަން ފެށުމަށް ތާވަލުކުރެވިފައިވާ އޭއައި ޑޭޓާ ސެންޓަރުތަކުގެ ތެރެއިން، 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެއްގެ މަޝްރޫޢުތައް މަޑުޖެހުން ނުވަތަ ކެންސަލްވުން އެކަށީގެންވެއެވެ. މީގެ މައިގަނޑު ސަބަބަކީ ކަރަންޓުގެ ކަންކަމަށް ބޭނުންވާ މުހިންމު ސާމާނު ހޯދުމަށް ދިމާވެފައިވާ ދަތިތަކާއި، އައު އިމާރާތްތައް ހިންގުމަށް ބޭނުންވާ މިންވަރަށް ހަކަތަ ކަށަވަރު ނުކުރެވުމެވެ. މި އަހަރުގެ ނިޔަލަށް 140 ކޮންސްޓްރަކްޝަން މަޝްރޫޢެއްގެ ދަށުން މަދުވެގެން 16 ގިގަވޮޓްގެ ކެޕޭސިޓީގެ ޑޭޓާ ސެންޓަރުތައް އޮޕަރޭޝަނަށް ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް، އޭގެ ތެރެއިން މިހާރު އިމާރާތްކުރެވެމުންދަނީ އެންމެ ފަސް ގިގަވޮޓްގެ މަޝްރޫއުތަކުގެ މަސައްކަތެވެ. އާންމުގޮތެއްގައި މިފަދަ ތަނެއް އިމާރާތްކުރުމަށް 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. މީގެ އިތުރުން 16 ގިގަވޮޓްގެ މަޝްރޫޢުތައް އިއުލާނުކުރެވިފައި އޮތް ނަމަވެސް، އަމަލީ އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، އިއުލާނުކުރެވުނު ކެޕޭސިޓީގެ 26 އިންސައްތަ މަޝްރޫއެއް މަޑުޖެހިފައިވާއިރު، އިތުރު 10 އިންސައްތަ އޮޕަރޭޝަނަށް ގެނައުން ވަނީ ފަސްކުރެވިފައެވެ. ކުރިއަށް އޮތް 2027 ވަނަ އަހަރަށް 25 ގިގަވޮޓަށްވުރެ ގިނަ މަޝްރޫޢު ތާވަލުކުރެވިފައިވީ ނަމަވެސް، މިހާރު އިމާރާތްކުރެވެމުންދަނީ 10 ގިގަވޮޓަށްވުރެ ކުޑަ މިންވަރެކެވެ. މިކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އެމެރިކާގެ ކަރަންޓު ވިއުގަތަކުގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމެވެ. އޭއައިގެ މަސައްކަތްތަކަށް ބޭނުންވާ ގިނަ ހަކަތައިގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް ޑޭޓާ ސެންޓަރުތައް ހަދަން ނިންމާފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަރަންޓު ބިލު ބޮޑުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޕިއު ރިސާޗުން ދާދިފަހުން ކުރި ސާވޭއަކުން ދައްކާގޮތުގައި، އޭއައި ޑޭޓާ ސެންޓަރުތަކާއެކު، ވަޒީފާގެ ފުރުޞަތުތައް ފަހިވާނެތީ އެމެރިކާ ރައްޔިތުން އެކަމާ އުފާކުރި ނަމަވެސް، ތިމާވެއްޓާއި ހަކަތައިގެ މައްސަލަތަކާ ގުޅިގެން އެ ސެންޓަރުތަކާ މެދު ގިނަ ބަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ރޭވިފައިވާ ގިނަ ތަންތަން ހިންގުމަށް ހަމަޖެހިފައިވަނީ އާންމު ކަރަންޓު ވިއުގައިގެ އިތުރުން، ނިއުކްލިއާ އަދި އިއާދަކުރަނިވި ހަކަތަ ފަދަ އަމިއްލަ ވަސީލަތްތައްވެސް ބޭނުންކޮށްގެންނެވެ. ހާޑްވެއާ ލިބުމުގެ ދަތިކަމަކީވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އޭއައި ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ މެމަރީ، ސްޓޯރޭޖް އަދި ސީޕީޔޫތަކުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އާންމު ކޮންސިއުމާ ޓެކްނޮލޮޖީ މާކެޓަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. މީގެ ސަބަބުން ޕީސީ އަދި ގޭމް ކޮންސޯލް ފަދަ ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. ބްލޫމްބާގްއިން ރިޕޯޓުކުރާ ގޮތުގައި، ބެޓެރީއާއި ޓްރާންސްފޯމަރު ފަދަ އަސާސީ އިލެކްޓްރިކަލް ސާމާނު ނުލިބުމަކީވެސް މިކަމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ޗައިނާއާއި އެހެނިހެން ގައުމުތަކުގެ މުދަލުން ނަގާ ޓެކްސް (ޓެރިފް) ބޮޑުކޮށް، އެމެރިކާގެ އެތެރޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރި ނަމަވެސް، އެމެރިކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް އޭއައި ސިނާޢަތަށް ބޭނުންވާ މިންވަރާ ގާތަށްވެސް އަދި ނުފޯރައެވެ. އެހެންކަމުން، އެމެރިކާގެ އޭއައި ކުންފުނިތަކަށް މިހާރުވެސް މަޖުބޫރުވެފައިވަނީ ބޭނުންވާ ސާމާނު ހޯދުމަށް ޗައިނާގެ އުފެއްދުންތަކަށް ބަރޯސާވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ