ޢިރާޤުގެ ބޯޓުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދީފި

ޢިރާޤުގެ ބޯޓުފަހަރަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރެވޭނެ ކަމަށް އީރާނުން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ދަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބޭނުން ކުރުމަށް ބައެއް ބޯޓުފަހަރަށް ހުރަސް އަޅަމުންނެވެ. އީރާނުން ބުނަނީ އެ ކަނޑުއޮޅި ހުރަސްކުރުމަށް އެ ޤައުމުން ދަތިކުރަނީ ޔަހޫދީންނާއި އެމެރިކާއާ ގުޅުންހުރި ބޯޓުފަހަރަށް ކަމަށެވެ.
އީރާނުން ބުނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށް ޢިރާޤުގެ އުޅަނދުފަހަރަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށެވެ. ޢިރާޤަކީ އެމެރިކާގެ އިސްތިޢުމާރީ ބާރުގެ ލަކުނު ލާފައިވާ ޤައުމެއް ކަމަށާއި، އެމެރިކާއާ ދެކޮޅަށް ޢިރާޤުން ކުރަމުންދާ ޖިހާދަކީ އެ ކަމަށް ތަޢުރީފު ހައްޤު މަސައްކަތެއް ކަމަށް އީރާނުން ބުނެފައިވެއެވެ. ޢިރާޤުގެ ޤައުމީ އިސްތިޤުލާލަށް އީރާނުން ނުހަނު އިޚްތިރާމުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
އީރާނުން ޢިރާޤުގެ ބޯޓުފަހަރަށް ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމުގައި ހުރަހެއް ނެތް ކަމަށް ބުނެފައި މި ވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް ނުވަތަ ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ދޫކޮށްލުމަށް އެމެރިކާއިން އީރާނަށް އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. 48 ގަޑިއިރުގެ ތެރޭގައި އީރާނުން އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ އެމެރިކާގެ ބާރު އީރާނުގެ މައްޗަށް ދައްކާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އީރާނުން ވަނީ ޓްރަމްޕްގެ އިންޒާރަށް އެ ޤައުމުން އިޖާބަ ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އިންޒާރަކީ ގޮތް ހުސްވެ، ހާސްވެ ހުންނަވައި ޙާލުގައި ޓްރަމްޕް ދެއްވާފައިވާ މޮޔަ އަދި ތާކުންތާކު ނުޖެހޭ އިންޒާރެއްގެ ގޮތުގައި އެ ޤައުމުން ވަނީ ސިފަކޮށްފައެވެ.
ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުން ދަތިކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޢިރާޤަށް އާމްދަނީ ލިބޭ މައި ދާއިރާއަކީ ތެޔޮ އުފެއްދުމެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޢިރާޤުގައި ތެޔޮ އުފައްދާ މިންވަރު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ވަނީ ދުވާހަލަކު 4.3 މިލިޔަން ފީފާއީން 1.2 މިލިޔަން ފީފާއަށް މަދުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެޔޮ ބޭރުކުރެވޭ މިންވަރު ދަށަށް ދިޔުމެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ