އީރާނުން ޙަމަލާދީ އިއްޔެ ވައްޓައިލި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން ފުއްމައިލި ފަޅުވެރިޔަކު ސަލާމަތްކުރަން މަސައްކަތް ކުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވައްޓާލާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އެމެރިކާގެ އެފް-15އީ މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލުމުން، އެ ބޯޓު ދޫކޮށް ފުންމައިލި ކަމަށް ބެލެވޭ ދެ ފަޅުވެރިންގެ ތެރެއިން އެކަކު ސަލާމަތްކޮށްފައިވާއިރު، ދެވަނަ މީހާ ހޯދުމުގެ މަސައްކަތް އެމެރިކާއިން ދަނީ ކުރަމުންނެވެ.
މަތިންދާބޯޓާއެކު ގެއްލިފައިވާ ދެވަނަ ފަޅުވެރިޔާ ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގައި ބައިވެރިވި ބްލެކްހޯކް މަރުކާގެ ދެ ހެލިކޮޕްޓަރަކާއި ސ-130 މަރުކާގެ މުދާ އުފުލާ އަސްކަރީ ދެ މަތިންދާބޯޓު ވައްޓާލާފައިވާކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުންޏެވެ.
މީގެއިތުރުން، އެ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އެމެރިކާގެ އިތުރުން ޔަހޫދީންގެ ޑްރޯނަކަށް ވެސް ޙަމަލާދީ ވައްޓާލާފައިވާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފައިވެއެވެ. ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް އެމެރިކާއިން އީރާނުގެ ތިން ސަރަޙައްދެއް ބަލަމުން އަންނަކަމަށް ރިޕޯޓުތައް ބުންޏެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ، ގެއްލިގެން ހޯދަމުންދާ އެމެރިކާ ސިފައިންގެ މީހާ ހޯދުމުގައި ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި، އެ މީހާ ހޯދާ ފަރާތަކަށް އިނާމެއް ދިނުމަށް ހުށަހަޅާފައެވެ.
އީރާނުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލާފައި މި ވަނީ، އެ ޤައުމުގެ އަސްކަރިއްޔާ ބަލިކަށިކޮށްލެވިފައިވާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، އެ ޤައުމު "އިހު ޒަމާނަކަށް" ފަހަތަށް ޖައްސައިލައްވާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ. ނަމަވެސް، އީރާންގެ މިސައިލް ޙަމަލާ ދިނުމުގެ ޤާބިލުކަން އަދިވެސް ވަރުގަދަކޮށް އޮތް ކަމުގައި އެމެރިިކާގެ ޖާސޫސީ ރިޕޯޓުތަކުން ހާމަވެއެވެ.
ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ ފަސްވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އަދި ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި އެ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ފަޅުވެރިޔާ ހޯދަން އުޅުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވައްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ