އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ މާދަމާ ރޭ ފާހަގަކުރަނީ

އިއްޔެ ބޭއްވި އިންތިހާބުތަކުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އުފާފާޅުކުރުން މާދަމާ ރޭ ބޭއްވުމަށް އެޕާޓީން ތައްޔާރުވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީގެ ހާއްސަ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ހެންވޭރު އާޓިފިޝަލްބީޗް ސަރަހައްދުގައެވެ. މައުލޫމާތު ލިބިފައިވާ މި ހަފްލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވާނެއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ހުރިހާ ސިޓީތަކެއްގެ މޭޔަރުގެ ގޮނޑި އެޕާޓީން ކާމިޔާބުކުރުމެވެ. އެމްޑީޕީން ވަނީ ވަރަށް ފުރިހަމަ އަގްލަބިއްޔަތަކުން މޭޔަރު ގޮނޑި ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ރިފަރަންޑަމް ވޯޓުގެ ނަތީޖާވެސް ނިކުމެފައިވަނީ އެމްޑީޕީން ވަކާލާތުކުރި ކޮޅަށެވެ. ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް އެމްޑީޕީން އެކަމަށް ވަނީ ނޫނެކޭ ބުނެފައެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީން ވަނީ ގިނަ އަދަދެއްގެ ކައުންސިލް ގޮނޑިތައްވެސް ނަގާފައެވެ. އެމްޑީޕީން ބުނީ ދައުލަތުގެ ހުރިހާ ވަސީލަތެއް ސަރުކާރު ހިންގާ ޕާޓީން ބޭނުންކުރި އިންތިހާބުން އެމްޑީޕީއަށް ލިބުނީ ފުރިހަމަ ކާމިޔާބީއެއްކަމަށެވެ. 
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ އުފާފާޅުކުރުމުގެ ގޮތުން އިއްޔެ ރެއާއި މިއަދުވެސް ދަނީ ގިނަ ރަށްރަށުގައި ހަރަކާތްތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ