ނަޝީދު ވަކިކުރަން ރައީސްގެ ތާއީދު އެބައޮތް

ޕާލިމަންޓަރީ ގުރޫޕްގެ ނިންމުންތަަކަކީ ރައީސް ސޯލިހާއެކު ކުރެވޭ މަޝްވަރާތަކަށް ފަހު ނިންމާ ނިންމުން ތަކެއް ކަމަށް ވިދާޅުވެ ނަޝީދު މަގާމުން ދުރުކުރުމަށް ރައީސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ 54 މެންބަރުންގެ ސޮޔާއެކު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. ގަރާރުގައި އެމްޑީޕީގެ 56 މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ނޫނީ ހުރިހާ މެންބަރުން ސޮއި ކުރެއްވި އެވެ. އަދި އެ ޕާޓީއަށް ނިސްބަތް ނުވާ ހަތަރު މެންބަރަކުވެސް ސޮއި ކުރެއްވި އެވެ.ނަޝީދު މަގާމުން ދުރުކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން، ރައީސް އޮފީހުގައި އޮތް ހަފްތާ ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ރައީސް ސޯލިހާއި މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި ޕާލިމަންޓަރީ ގުރޫޕްގެ ނިންމުންތަަކަކީ ރައީސް ސޯލިހާއެކު ކުރެވޭ މަޝްވަރާތަކަށް ފަހު ނިންމާ ނިންމުން ތަކެއް ކަމަށް ވިދާޅުވެ ނަޝީދު މަގާމުން ދުރުކުރުމަށް ރައީސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ."ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވާނީ،" މިއުވާން ވިދާޅުވި އެވެ.ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ވަރަށް ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަޖިލީސް ހިންގަވާ ގޮތާމެދު ސުވާލު އުފައްދަވާފައިވެއެވެ. ނަޝީދު، މަޖިލީސް ކުރިއަށް ގެންދަވަނީ އުސޫލުން ބޭރުން ވަކި ފަރާތަކަށް ޖެހިގެން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އަދި މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް ފަހު ވަކި ސަބަބެއް ހާމަ ނުކުރައްވާ ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމާއި އެކި މައްސަލަތަކުގައި ނަޝީދު އަމަލު ކުރައްވާފައިވާ ގޮތާމެދު ސުވާލު އުފައްދަވާފައިވެއެވެ.ހާއްސަކޮށް މަޖިލީހުގައި މިހާރު އޮތް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްސަލާގައި އަމަލު ކޮށްފައިވާ ގޮތް ފާހަަގަ ކޮށްފައި ވެއެވެ.އެފަދަ އެތައް މައްސަލަތަކާ ގުޅިގެން ނަޝީދުގެ މައްޗަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ގަރާރުގައި ވެއެވެ. 
ދާއިމީ ކޮމެޓީތައް އުވުނީ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމާއި ގުޅިގެންނެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމުގައި ޕާޓީތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިތުބާރު ނެތް މައްސަލަ އެއް ކުރިއަށް ގެންދިއުމަށް މައްސަލައިގެ ބަހުސް ތަޅުމުގައި ކުރިއަށް ގެންދާނެ ގޮތެއް އާންމު ކޮމެޓީން ކަނޑައަޅަން ޖެހެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހަށް ވައްދާފަ އެވެ. އެކަމަނާއަށް ނޯޓިސް ފޮނުވައި މައްސަލަ އެޖެންޑާ ކުރާނެ ތާރީހު ވެސް ވަނީ ކަނޑައަޅާފައެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އެކުއެކީ މަގާމުން ވަކިކުރުމަކީވެސް އުނދަގޫ ކަމެކެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށައެޅިއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވާނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ނަމަ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. 
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަށްފަހު ނަޝީދު ވަނީ ވަރަށް ކުރުކޮށް އެމަނިކުފާނު ރިޔާސަތުން ވަކިކުރަން ކުރާ މަސައްކަތަށް ރައްދު ދެއްވާފަ އެވެ."އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގަ މި އިންނަނީ. އުއްމީދު ކުރެވެނީ [މައްޗަންގޮޅި] މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް," ނަޝީދު ވިދާޅުވި އެވެ.ނަޝީދު އެހެން ވިދާޅުވުމުގެ ކުރިން ހަސަން ދެއްކެވީ އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ގެ ސިޔާސަތުތަކާ ގުޅޭ ވާހަކަތަކެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ