ރާއްޖޭގެ 12 ރެފްރީ އަކަށް ފީފާގެ ބެޖު ލިބި ކުރިއެރުމެއް ރާއްޖޭގެ 12 ރެފްރީ އަކަށް ފީފާގެ ބެޖު ލިބި ކުރިއެރުމެއް

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ބެޖް މި އަހަރަށް ރާއްޖޭގެ 12 ރެފްރީއެއް ހާސިލްކުރުމާ އެކު، ރާއްޖެ އަށް ކަނޑައަޅާފައި ހުރިހާ ސްލޮޓެއް ފުރިހަމަަވެއްޖެ އެވެ.
މި ފަހަރު މުޅިން އަލަށް ފީފާގެ ބެޖް ހާސިލްކުރި ރެފްރީ އަކީ، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކުރި އަފްޝީން ނަސީރު އެވެ.
އޭއެފްސީ ރެފްރީސް އެކަޑަމީގެ ތިން އަހަރުގެ ކޯހެއް ފުރިހަމަ ކުރަމުން އަންނަ އަފްޝީން ވަނީ ނޭޕާލުގައި މިދިޔަ އަހަރު ކުރިއަށްދިޔަ ސާފްގެ 20 އަހަރުން ދަށުގެ މުބާރާތުގައި ރެފްރީކަން ކޮށްފަ އެވެ. ސާފްގެ މުބާރާތްތަކަށް ރެފްރީން ފޮނުވުމުގެ ފުރުސަތު ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް ވެސް ލިބެ އެެެވެ. އެ ގޮތުން ސާފް އިން ކަނޑައަޅާ މިންގަނޑަކީ ފީފާ ބެޖް ހާސިލްކޮށްފައިވާ ރެފްރީއެއް ނޫނީ އެ ގައުމުގެ ލެވަލް ވަން ރެފްރީއެއް ފޮނުވުމަށެވެ.
ރާއްޖޭގެ ރެފްރީ، ޒަހީރު ހުސެއިން ވަނީ ފީފާގެ ބެޖު ހާސިލްކުރުމުގެ އިތުރުން، އޭއެފްސީ/ފީފާގެ އެލީޓް ޕެނަލަށް ހޮވިފަ އެވެ. އޭއެފްސީ/އެލީޓް ޕެނަލްގައި މި ވަގުތު ތިބި ދިވެހި ރެފްރީންނަކީ، މުހައްމަދު ޖާވިޒް (ޖޭޑު)، އާދަމް ފަޒީލް އަދި ހުސެއިން ސިނާން އެވެ. މި ރެފްރީން ވަނީ ފާއިތުވި އަހަރުތަކުގައި ރަނގަޅު ލެވަލްގެ އިންޓަނޭޝަނަލް މެޗުތަކުގައި އިންސާފުކޮށްފަ އެވެ.
އެސިސްޓަންޓް ރެފްރީންގެ ގޮތުގައި، އޭއެފްސީ/ފީފާ އެލީޓު ރެފްރީންނަކީ، ޖައުފަރު ރަޝީދު، އަހުމަދު އަބްދުﷲ، އަހުމަދު އަފްސަހު، ނިއުޝާދު މުހައްމަދު އަދި އަހުމަދު ހަސަން އެވެ. ފީފާ އެސިސްޓަންޓް ރެފްރީ ބެޖު ލިބުނީ، އަބްދުﷲ ޝާތިރު އާއި ރައީފް ރައޫފް އަށެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި، ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ ޒަހީރު އާއި ރައީފް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ސްރީ ލަންކާ އަތުން އިންޑިއާ އިން 8-0 އިން މޮޅުވި މެޗުގައި، އެސިސްޓަންޓް ރެފްރީ އަކަށް ރައީފް ހުރިއިރު، ބަދަލު ރެފްރީ އަކަށް ހުރީ ޒަހީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ