މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް: ވަޒީރު އިޙްސާން
"މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު "މޯލްޑިވްސް 2.0" ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި މިހާރު އޮތް ނިޒާމަކީ ރައްޔިތުން އެއް ޚިދުމަތަކަށް އެދި އެކި އިދާރާތަކަށް ދާންޖެހޭ އަދި އެކި ފަހަރުމަތިން ފޯމުތައް އެކި އިދާރާތަކުގެ ޕޯޓަލްތަކަށް އަޕްލޯޑުކުރަންޖެހޭ ނިޒާމެކެވެ. މީގެ ސަބަބުން ޚިދުމަތް ހޯދަން ދާ މީހާއާ ގުޅުން އޮންނަ ނުވަތަ ދަންނަ މީހުންނާއި ފައިސާއަށް ޚިދުމަތް އަވަސްކޮށްދިނުމުގެ ސަގާފަތެއް ރާއްޖޭގައި ޤާއިމުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ."މޯލްޑިވްސް 2.0 އާއެކު މި ސަގާފަތް ބަދަލުވެގެންދާނެ. މިއީ އޯގާތެރި ދައުލަތެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން، ވަޒީރު އިޙްސާން ވަނީ "މޯލްޑިވްސް 2.0" އަކީ އީ-ވޯޓިންގ ނިޒާމެއް ތަޢާރަފުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަން ސާފުކޮށް ވިދާޅުވެފައެވެ."މޯލްޑިވްސް 2.0 ގެ އެއްވެސް މަޤްސަދެއްގައި އަދި ފޮރުވިފައިވެސް އަދި ހާމަކަމާއެކުގައިވެސް އީ-ވޯޓިންގގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނޯންނާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ދައުލަތުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ޚިދުމަތްތައް އިތުރަށް ހަލުވިވެ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ