ވީބީ ބްރަދާސްގެ ހޯލްސޭލް އައުޓްލެޓެއް ގދ. ތިނަދޫގައި ހުޅުވައިފި ވީބީ ބްރަދާސްގެ ހޯލްސޭލް އައުޓްލެޓެއް ގދ. ތިނަދޫގައި ހުޅުވައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ވީބީ ބްރަދާސްގެ ހޯލްސޭލް އައުޓްލެޓެއް ގދ. ތިނަދޫގައި އިއްޔެ ހުޅުވައިފި އެވެ.
ވީބީ ބްރަދާސްއިން ބުނީ ތިނަދޫގައި ފިހާރައެއް ހުޅުވީ، އެ ރަށަކީ ރާއްޖޭގެ ދެކުނުގައި ވިޔަފާރީގެ ވަރުގަދަ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ވަމުން އަންނަ ރަށަކަށް ވުމާއެކު، އެރަށާއި އެ ސަރަހައްދުގެ އެހެން ރަށްތަކަށް ވީބީގެ މުދާ ފަސޭހައިން ލިބޭނެ ގޮތެއް ތަނަވަސްކޮށް ދިނުމަށް ކަމަށެވެ.
ވީބީގެ ގޮފިތައް ރާއްޖެއަށް ފުޅާކުރުމަކީ އެ ކުންފުނީގެ ވިސްނުމެކެވެ.
ވީބީގެ ހޯލްސޭލް އައުޓްލެޓް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި މިހާރު ވެސް އެބަ ހުއްޓެވެ. އަދި މާލޭގައި ވީބީގެ ހޯލްސޭލް ތިން އައުޓްލެޓް ހުރިއިރު، ހުޅުމާލޭގައި އެއް އައުޓްލެޓް ހުރެ އެވެ.
ރީޓެއިލް ވިޔަފާރި ވެސް ފުޅާކޮށް ކުރަމުން އަންނަ ވީބީ ބްރަދާސްގެ ދެ މާޓު މާލޭގައި ހުރެ އެވެ. ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރަންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވީބީގެ މާޓެއް މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ.
ވީބީ ބްރަދާސްއިން ގދ. ތިނަދޫގައި ހުޅުވި އައު ހޯލްސޭލް އައުޓްލެޓް -- ފޮޓޯ: ވީބީ ބްރަދާސް
އާންމުކޮށް ދިވެހިން ބޭނުންކުރާ ހުރިހާ ބާވަތެއްގެ މުދާ ވީބީ ބްރަދާސްއިން ވިއްކަ އެވެ. ނަމަވެސް އެ ކުންފުނީގެ ސޯލް ޑިސްޓްރިބިއުޓަރުކަން ލިބިފައިވާ މުދަލުގެ ތެރޭގައި އަލްމުދިޝް ހިކި ކިރު އަދި ދިޔާ ކިރުގެ އިތުރުން އެ މަރުކާގެ ޓޮމާޓޯ ޕޭސްޓު ހިމެނެ އެވެ.
މަގުބޫލު ނެޕީ ބްރޭންޑު، މަމީޕޮކޯ އާއި ޕްރިންގަލްސްގެ ޗިޕްސް ވެސް އެތެރެކޮށް ވިއްކަނީ ވީބީންނެވެ. ކެލޮގްސް އަދި މަޝްހޫރު ޗޮކްލެޓް ބްރޭންޑް، މާސް ވެސް އެތެރެކޮށް ވިއްކަނީ ވީބީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ