ނަޝީދު އަސްލަމަށް: "ވެދުންކޮށް ދެވޭއިރު މި އަޅުގަނޑުގެ ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް"

އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅޭމައްސަލައިގައި އެމަނިކުފާނު ދެއްވަން އޮތީ، އަނދިރިއަނދިރިން، ވިޔަޒޯރަށް ބޮޑުތަކުރުފާނުގެ ބޯ ކަނޑައިލަން އެންގުމުން ބޮޑުތަކުރުފާނު ދެއްވި ރައްދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އިތުބާރު ނެތް ކަމަށް ބުނެ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ އެމްޑީޕީއިން ވަނީ 54 މެންބަރުންގެ ސޮޔާ އެކު އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ. އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރެއްގެ ހައިސިއްޔަތުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، 2018 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ގެންނަވަން ކެމްޕެއިން ކުރައްވަން އިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު އަސްލަމެވެ.
ދަ ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަނިކުފާނު، އަސްލަމަށް ދެއްވަން އޮތީ އަނދިރިއަނދިރިން، ވިޔަޒޯރަށް ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން އެންގުމުން ބޮޑު ތަކުރުފާނު ދެއްވި ރައްދު ކަމަށެވެ.
އެގޮތުން، އެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ދެއްވި ރައްދުގައި އެ މަނިކުފާނު ވިދާޅުވީ އަސްލަމަށް އެމަނިކުފާނު ދަންނަވަން އޮތީ، އަނދިރިއަނދިރިން، ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން ވިޔަޒޯރަށް އެންގުމުން، ވިޔަޒޯރު އެކަން ބޮޑު ތަކުރުފާނު ގާތު ދެންނެވުމުން ވިދާޅުވީ، "ކަނޑުއްވާނެ އާދެ އޭ އެބަ ދުވަސް، ކަނޑުން ކާށިދޫ ކުރެވި ދާއިރު ހުރަސް. ވެނދުންކޮށް ދެވޭއިރު މި އަޅުގަނޑުގެ ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް،" ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. ސަރުކާރުން މިއަދު ހާމަކުރި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ވެސް މަޝްވަރާ ކުރުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ