ހަސީނާ ޕާޓީގެ ހަރަކާތްތައް ބަންގްލަދޭޝްގައި މަނާކޮށްފި

ގައުމީ ސަލާމަތަށް ހުރި ކަންބޮޑުވުމެއް ކަމަށް ސިފަކޮށް، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގުގެ ހުރިހާ އޮޕަރޭޝަނެއް އެ ގައުމުގެ ވަގުތީ ސަރުކާރުން މަނާކޮށްފި އެވެ.
އެ ޕާޓީގެ ހަރަކާތްތައް މަނާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ އެކަން އިއުލާނުކުރީ ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް ސިޓިޒަން ޕާޓީގެ މެންބަރުން މަގުމައްޗަށް ނުކުމެ އުފުލި އަޑުތަކަކާ ގުޅިގެންނެވެ.
އަވާމީ ލީގަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލި މުޒާހަރާގައި ޖަމިއްޔަތުލް އިސްލާމީ އަދި އިދިކޮޅު އެހެން ޖަމާއަތްތައް ހިމެނޭ ގޮތަށް ކަނާތު ފިޔައިގެ ބައެއް ޕާޓީތަކުން ވަނީ ބައިވެރިވެފަ އެވެ.
މިދިޔަ ޖުލައި މަހާއި އޮގަސްޓް މަހު ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި މަރުވި އެތައް ސަތޭކަ ދަރިވަރުންނާއި އެހެނިހެން މުޒާހަރާގެ ބައިވެރިންގެ މައްސަލަ ހާއްސަ ޓްރައިބިއުނަލަކުން ބަލައި ނިމެންދެން އެ މަނާ ކުރުން ދެމިއޮންނާނެ ކަމަށް ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ބުނެ އެވެ.
ހަސީނާ މަގާމުން ވަކިކުރުމަށް ފަހު ގިނަ މައްސަލަތަކެއްގައި ހަސީނާ އާއި އޭނާގެ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭގައި މީހުން މެރި ކަމުގެ ތުހުމަތުތަކެއް ވެސް ހިމެނެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން މިދިޔަ ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ހަސީނާއާ ދެކޮޅަށް ތިން ހަފުތާ ވަންދެން ކުރި މުޒާހަރާތަކުގައި 1400އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އަވާމީ ލީގްގެ ހަރަކާތްތައް މަނާ ކުރުމާ ގުޅޭ ގޮތުން ހަސީނާ އާއި އޭނާގެ ޕާޓީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. 
ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާގެ ސަބަބުން ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައިސް، ވެރިކަމުން ވަކިވިތާ އެންމެ ތިން ދުވަސް ތެރޭގައި މުހައްމަދު ޔޫނުސް ވަނީ އިންތިގާލީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ