ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގެ އެއްވެސް ވާހަކައެއް ގާސިމް ދައްކަވާކަށް ބޭނުމެއް ނުވި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އަދި ދޭން ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ހެނދުނު 11 ޖަހަނިކޮށް ރައީސް އޮފީހަށް ވަޑައިގެން ގާސިމް އިބްރާހިމް ބޭރަށް ނުކުމެވަޑައިގަތީ 12:30 ވަނިކޮށެވެ. ބޭރަށް ނިކުމެވަޑައިގަތުމުން ނޫސްވެރިން ވަނީ ރައީސް ޞާލިހާއެކު ކުރެވުނީ ކޮން މަޝްވަރާތަކެއް ތޯ އަހާފައެވެ. ނަމަވެސް ރައީސްއާކު ބޭއްވި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ގާސިމް ދެއްވާފައެއް ނުވެއެވެ. "އަޅުގަނޑު ހުށަހެޅި ހުށަހެޅުންތަކުގެ ވާހަކަ ދަންނަވާކަށް ބޭނުމެއް ނޫން. އަދި ތިބޭފުޅުންނަށް ހާމަކުރާނެ ދުވަހެއް ނާދެ. އެއީ އަޅުގަނޑުގެ އަމިއްލަ ކަމެއްނު އަޅުގަނޑު އެ ވާހަކަ ދެއްކުމާ ނުދެއްކުން," ގާސިމް ވިދާޅުވިއެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ގާސިމް ވަނީ ރައީސްއާ އެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެެއްވުމާ ގުޅޭ ގޮތުން ވެސް ގާސިމް އިބްރާހިމް ވަނީ ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވާފައެވެ. ވިދާޅުވީ, އެކަމަށް ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ވަޑައިގެންފައިވަނީ ރައީސް ޞާލިހާ އެކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަން ހެދުމަށް އެމްޑީޕީއިން ފޮނުވާފައިވާ ދައުވަތާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ. މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އިސްވެ އޮވެ ވާދަކުރަން ލަފާ ދޭން ނިންމައިފައެވެ. އެ ނިންމުން ނިންމީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެކަމަކު، ރިޔާސީ އިންތިޚާބާ ގުޅިގެން ރަސްމީ ނިންމުމެއް އެ ޕާޓީން ނިންމާނީ ކައުންސިލް ބައްދަލުވުމަށް ފަހުގައެވެ. ކޮންގްރެސްގައި ގާސިމް ވަނީ ނުސީދާކޮށް، ރައީސަށް ބަހުގެ ހަމަލާތަކެއް ވެސް ރައްދުކޮށްފައެވެ. އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވީ ނަޝީދު ގެންދަވަނީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރެއްވުމަށް ލޮބީ ކުރައްވަމުންނެވެ. އަދި، މިއީ ގާސިމް ވެރިކަމަށް އައުމަށް "ރަނުގެ ފުރުސަތެއް" ކަމަށް ވެސް އެ މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ