އދ. އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ޖަޕާން ސަރުކާރުން 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށް ދީފިއެވެ.
ޖަޕާނުން މި ހިލޭ އެހީ ފޯރުކޮށްދީފައި ވަނީ އެ ގައުމުން ކުރިއަށް ގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް ސްކީމުގެ ދަށުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އޮމަދޫ ސްކޫލަށް އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ. އޮމަދޫ ސްކޫލުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން އާމިރެވެ.
ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނީ، ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމުގެ ދަށުން ޖަޕާނުން އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ޖުމްލަ 80،731 އެމެރިކާ ޑޮލަރު (1.2 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ފޯރުކޮށް ދީފައި ވާ ކަމަށެވެ.
އެ އެހީގެ ދަށުން އޮމަދޫ ސްކޫލުގައި ކްލާސްރޫމަކާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ފާހާނާއެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮމަދޫ ސްކޫލުގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކިޔެވުމަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ގުދުރަތީ ކާރިސާއެއްގެ ވަގުތުގައި، އެމަޖެންސީ އިވެކުއޭޝަން ޝެލްޓާ ނުވަތަ ވަގުތީ ބޯހިޔާވަހި ކަމާއި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ވެސް ސްކޫލް އިމާރާތް ބޭނުން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނެއެވެ.
ޖަޕާނުގެ ޖީޖީޕީ ސްކީމްގެ ދަށުން އޮމަދޫ ސްކޫލް އަފްގްރޭޑް ކުރުމަށް އެހީ ފޯރުކޮށްދީފައިވާ އިރު، އެ ސްކީމްގެ ދަށޫން މީގެ ކުރިން ވެސް ވަނީ ގިނަ އެހީތަކެއް ފޯރުކޮށް ދީފައެވެ. އެ ގޮތުން 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތައުލީމީ، ތިމާވެށި، ސިއްހީ، ދަތުރުފަތުރު އަދި ހަކަތައިގެ ދާއިރާއަށް އެކި ގޮތްގޮތުން ޖަޕާނުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އޮމަދޫ ސްކޫލް ތަރައްގީ ކުރަން ޖަޕާނުން 1.2 މިލިއަން ރުފިޔާގެ އެހީ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ