ޖަލަށް ގެނެވޭ މީހުން އިސްލާހުކޮށް މުޖުތަމައުއަށް ނެރުމަކީ ބުރަބޮޑު މަސައްކަތެއް: ސީޕީ އަހުމަދު
ޖަލަށް ގެނެވޭ މީހުން އިސްލާހުކޮށް މުޖްތަމައުއަށް ބޭނުން ހިފޭ ހެޔޮލަފާ ބައެއްގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތަކީ ބުރަބޮޑު އެކަމަކު ޤައުމަށް މުހިއްމު މަސައްކަތެއް ކަމަށް ކަމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ. މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ޕްރިޒަން ސާވިސްގެ އެންމެ ބޮޑު އަމާޒަކީ ޖަލަށް ގެނެވޭ މީހުންނަށް ހައްޤުވާ އަސާސީ ޚިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ. ސީޕީ ވިދާޅުވީ ވޭތުވެދިޔަ އަހަރު ތެރޭގައި ޤައިދީން ރިހެބިލިޓޭޓްކުރުމަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ޤައިދީންނާއި ބަންދު މީހުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެޑިކަލް ސެންޓަރެއް ޤާއިމްކުރުމާއި އޮންލައިން ސްޕެޝަލިސްޓް ޑޮކްޓާ ކޮންސަލްޓޭޝަން ފޯރުކޮށްދޭން ފެށުނު ކަމަށެވެ. އޭގެ އިތުރުން ކުށްކުރާ މީހުން ވަކިކުރުމުގެ ގޮތުން 100 މީހުންގެ ޖާގަ ހުރި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ޤާއިމްކޮށް އެ ޔުނިޓަށް މީހުން ބަދަލުކުރުމުގެ މަސައްކަތްފެށުނު ކަން ސީޕީ ފާހަގަކުރެއްވިއެވެ. ކޮވިޑު ތެރޭގައި ދިމާވި އެކި ދަތިތަކާއެކުވެސް އޮފިސަރުން ވީ ޤުރުބާނީ އާއި ކުރި ހިވާގި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން ސީޕީ އިލްތިމާސްކުރެއްވީ ތާރީޚުން އިބުރަތް ހާސިލްކޮށް، ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށެވެ. މާފުށީ ޖަލުގައި މިވަގުތު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ސީޕީ ވިދާޅުވީ އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްޤީކުރެވޭނެ ކަމަށާއި އަދި މާފުށީ ޖަލުގައި 18 ގޮޅީގެ ޔުނިޓަކާއި 50 ގޮޅީގެ ޔުނިޓެއް ވެސް ޤާއިމުކުރެވޭނެ ކަމަށެވެ. ޖަލަށް މަނާތަކެތި ވަންނަ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާ ސީޕީ ވަނީ އެކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިކަމުގައި މަދު އޮފިސަރުންގެ ބައިވެރިވުން އޮންނަކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމުގައި ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއް ކަމަށާއި އަދި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އޮތްކަން އެނގިއްޖެނަމަ، ހަރުކަށި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ހާޟިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި މާފުށީ ޖަލުގެ ޑިއުޓީ އަދާކުރަނިކޮށް ނިޔާވި ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދުގެ ހަނދާނުގައި ސުކޫތެއް މި ރަސްމިއްޔާތުގައި ވަނީ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ