ވޭތުވެދިޔަ ހަ މަސްދުވަހު މާލޭގެ މަގުތަކުން ނެގި 4375 ޓަނުގެ ކުނި އުކާލައިފި

މާލެ ސިޓީގެ މަގުތައް ސާފުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ ހަ މަސްދުވަހު މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި ނަގައި އުކާލައިފިއެވެ.
މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި އުކައިލައިފައިވާ ކަން ހާމަކުރީ، މާލެ ސިޓީ ހޯލުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓްގައެވެ.
އެކަށީގެންވާ ރައްކާތެރިކަމާއެކު ކުނި ނައްތައިލުމާއި، ދުވަހުން ދުވަހަށް އުފެދޭ ކުނި ގިނަވިޔަ ނުދީ ނައްތައިލުމަކީ މާލެ ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މިގޮތުން މާލެ ސިޓީގެ މަގުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލުން ފާހަގަކުރާ ގޮތުގައި، ކުނީގެ މައްސަލައަކީ ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައެވެ. އެއީ ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީއެވެ. މާލެ ސިޓީއަކީ ސާފު، ރީތި އަދި ހިތްގައިމު ތަނަކަށް ހެދުމަށް ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މަގުތަކާއި، ޕާކުތަކާއި، މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ މުޅި ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ޙައްލު ކަމަށް އެ ކައުންސިލުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ