އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރިޔަށް: ފެނަކަ

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވާ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފެނަކައިން ބުނެފިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ އޮތްތާ މިހާރު ވަނީ އެތަކެއް ދުވަސްތަކެއް ވެފައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކޮންމެ ސަރުކާރަކުންވެސް އައިސް ގިނަ ވައުދުތަކެއް ވާއިރު، ނިމިދޔަ ސަރުކާރުގައި ވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ގެނެވިފައި ނުވާކަން ވަނީ ފާހަގަވެފައެވެ. އަދި އެކި ފަހަރުމަތުން އައްޑޫއަށް އިންޖީނުތައް ގެންދާ ކަމަށް ފެނަކައިންވެސް މައުލޫމާތު ދީފައި ހުރި ނަމަވެސް މިއަދާ ޖެހެންދެން ވެސް އައްޑޫގެ ސިީޓީގެ ރަށްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހައްލުތަކެއް ލިބިފައެއް ނުވެއެވެ.
އައްޑޫއިން ކުއްލި ކުއްލިއަށް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އާއްމުންނާއި، އަދި މަޖިލިސް މެމްބަރުންވެސް ދަނީ އެކަމަށް ވަކާލާތު ކުރަމުންނެވެ. މީގެކުރިން އައްޑޫގެ މޭޔަރު އަލީ ނިޒާރުވެސް ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނިޒާރު ވިދާޅުވެފައިވަނީ އައްޑޫގައި ކަރަންޓު ނެތި ރައްޔިތުން ދަނީ މުސީބާތުގެ ހާލަތު ތަހައްމަލު ކުރަމުން ކަމަށެވެ. ނިޒާރު ވިދާޅުވީ ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިން ދިމާވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ލިބި އާންމު ހިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅޭގޮތުން ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި މީގެކުރިންފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހު ވިދާޅުވީ އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ރޯދަމަހުގެ ކުރިއަށް 3 ޖެނެރޭޓަރެއް އެރުވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ނަޖާހު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައިގެ އަސްލަށް ބަލާއިރު، ދިމާވެފައިވާ މައްސަލައަކީ އައްޑޫ ތަރައްގީ ވަމުން އަންނަ ވަރަކަށް އައްޑޫގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ނުކުރެވުން ކަމަށެވެ. އަދި ވަޕަރ ޖެނެރޭޝަންއަށް ބަލާއިރުވެސް، ގެނެސްފައިވާ ޖެނެރޭޓަރ ތަކާއި، ޑިސްޓްރިބިއުޝަން ކޭބަލްތަކާއި، ސްޕެއަރތައްވެސް ގެނެސްފައިވަނީ އެންމެ ރަނގަޅަށް ބަލައިގެން ނޫން ކަމަށް ނަޖާހު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ސަންގަށް މައުލޫމާތު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގެ މައްސަލަ ހައްލުނުވާހާ ހިނދަކު ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ގަބޫލުކުރައްވާނެ ކަމަށެވެ. އަދި މި މައްސަލައަށް ހައްލުތަކެއް ލިބެންދެން މޭޔަރުގެ ސްޓޭންޑަކީ އެއީ ކަމަށް ވިދާޅުވިއެވެ.
”އަދިއެއް ނުވޭ ރަނގަޅެއް ހުރިވަރެއްގައި ހުރީ. އެކަމު ކަރަންޓު މިހާރު ނުކެނޑި ދުވަސްކޮޅެއް ވެއްޖެ. އޯވަލޯޑުގައި އެބަ ހިންގާ، އެކަމު ފެއިލްވާނެ އިރެއް ނޭންގެ. ޖެނެރޭޓަރެއްވެސް އަދި ނުއެއް ގެނޭ. ގެނައިމަ ނޫނީ ތިއަކަށް އެއްޗެއް ބުނެވޭކަށެއް ނެތްތާ“
ނިޒާރު ވިދާޅުވީ ފެނައިކައިގެ އެމްޑީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހަލުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. ނިޒާރު ވިދާޅުވީ އެހެން އެކަން ވެއްޖެ ނަމަ މިމައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. ނިޒާރު ވިދާޅުވީ އުންމީދަކީ ރޯދައިގެ ކުރިން އެކަންވުން ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އެމްޑީ ނަޖާހު ސަންގަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ ޖެނެރޭޓަރެއް އައްޑޫއަށް ގެންދަންވެގެން އިއުލާނުވެސް ކޮށްފައިވާ ކަމަށެވެ. އެމްޑީ ވިދާޅުވީ މޭޔަރަށް ފެނިވަޑައިނުގެންނެވި ނަމަވެސް ރައްޔިތުންގެ ހާލު ބައްލަވާ ބޭފުޅުންނަށް އައްޑޫގައި ކުރިއަށްދާ މަސައްކަތްތައް ފެނިވަޑައިގަންނަވާނެ ކަމަށެވެ.
”ރައްޔިތުންގެ ހާލު ބައްލަވަން އުޅުންވާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ފަހަރެއްގައި މޭޔަރަށް ފެނިވަޑައިނުގެންފާނެ. މޭޔަރު އެހެން ކަމެއްގައި އުޅުއްވާތީ“
ނަޖާހު ވަނީ މިހާތަނަށް ކުރެވިފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލްތައް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާތަނަށް 1.8 މެގަވޯޓުގެ 2 އައު ޖެނެރޭޓަރުގެ ޕްރޮކިއުމަންޓް މަސައްކަތް ނިމި ޓެންޑަރިންގެ މަރުހަލާވެސް ނިމިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ. އައު ޖެނެރޭޓަރުތައް ގާއިމްކުރުމަށްޓަކައި ހަޓު ތަކާއި ބޭނުންވާ އިމާރާތްތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށް ނަޖާހު ވިދާޅުވިއެވެ.
މިހާރުގެ އިންޖީނު ގޭގެ އެފިޝިއެންސީ އިތުރުކުރުމަށް ވެންޓިލޭޝަންގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކަމަށް އެމްޑީ ވިދާޅުވިއެވެ. މަރަދޫ ފޭދޫ އަދި ހިތަދޫގައި ގާއިމްކޮށްފައިވާ 2 ނަރުދަމާ ޕަމްޕު ސްޓޭޝަންގެ އަޕްގްރޭޑިންގެ މަސައްކަތާއި އަދި 2 ޖެނެރޭޓަރެއްގެ މަރާމާތުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ