ކަނޑުތައް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މިރޭ 9:00 އިން ފެށިގެން މިރޭ ދަންވަރު 3:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ.
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މެޓުން މިރޭގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު އެ އިދާރާއިން ބުނީ މާދަމާ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
އެ އިދާރާއިން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ