ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުމުން މެގުއާ އަށް ލިބުނީ ޝޮކެއް!

ލަންޑަން (މެއި 21) - އަންނަ މަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުގައި އޭނާ ނުހިމެނޭކަން އެނގުމުން ލިބުނީ ޝޮކެއް ކަމަށް މެންޗެސްޓާ ޔުނައިޓެެޑްގެ ޑިފެންޑަރު، ހެރީ މެގުއާ ބުނެފި އެވެ. 
އުމުރުން 33 އަހަރުގެ މެގުއާ އަކީ އިންގްލެންޑުން އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވެ އެ ޓީމުން ދައްކަމުން އައި ރަނގަޅު ކުޅުމުގެ ތެރޭގައި މެގުއާ ވެސް އިސް ރޯލެއް އަދާކޮށްފައިވެ އެވެ. 
އެހެން ނަމަވެސް، އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވެހުރި ޖަރުމަނުގެ ކޯޗު، ތޯމަސް ޓުޗެލް، މާދަަމާ އިއުލާނުކުރަން ނިންމާފައިވާ 26 ކުޅުންތެރިން ހިމެނޭ އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުގައި މެގުއާ ނުހިމެނޭކަން، އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓަކުން ވަނީ ޔަގީންވެފަ އެވެ. 
އެ ގޮތުން، މެގުއާ ބުނެފައިވަނީ، މި ސީޒަނުގައި  ދެއްކުނު ކުޅުމާ އެކު އޭނާ ހުރީ މި ފަހަރުގެ ވޯލްޑް ކަޕްގައި މުހިންމު ދައުރެއް އަދާކޮށް، އިންގްލެންޑަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ. 
"އެކަމަކު، ލިބުނީ ޝޮކެއް. ވަރަށް ދެރަވެފައި މި ހުރީ މި ނިންމުން އައި ގޮތުން. އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް ކާމިޔާބަށް އެދެން،" އިންގްލެންޑަށް 67 މެޗުުން ހަތް ގޯލު ޖަހާފައިވާ މެގުއާ، އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ވެސް މެގުއާ ވަނީ ވޯލްޑް ކަޕްގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ. އެކަމަކު، ސްކޮޑުން ފުރުސަތު ލިބޭގޮތް ނުވީ އެވެ. 
މެގުއާގެ އިތުރުން، ދެން އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުލިބޭނެ ކަމަށް މިޑިއާގައި ވާހަކަ ދެކެވިފައިވާ ކުޅުންތެރިންނަށް ބަލާއިރު، ޔުނައިޓެޑްގެ ލޫކް ޝޯ، ޗެލްސީގެ ކޯލް ޕާމާ، ކްރިސްޓަލް ޕެލަސްގެ އެޑަމް ވާޓަން އަދި މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން ހިމެނެ އެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް މި ސީޒަނުގައި ކުރިމަތިވި، ސިޓީގެ ޖޯން ސްޓޯންސް އާއި ނިއުކާސަލް ޔުނައިޓެޑްގެ ޑެން ބާން އަދި ބްރެންޓްފޯޑްގެ ޖޯޑަން ހެންޑަސަން އަށް ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ