"ޔަހޫދީންނާއި އެމެރިކާއިން ރޭވީ އީރާނުގެ ވެރިކަން އަޙްމަދީނިޖާދާއި ޙަވާލުކުރުމަށް"

ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އީރާނުގެ ވެރިކަން އެ ޤައުމުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީނިޖާދަށް ދިނުމަށް ރާވައިގެން ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ދިން ޙަމަލާތަކުގައި އީރާނުގެ އޭރުގެ އެންމެ މަތީ ރޫޙީ ވެެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަވުމުން ޓްރަމްޕް ވަނީ އީރާނުގެ ވެރިކަން ޙަވާލުކުރަން ވާނީ އެ ޤައުމުގެ ސިޔާސީ ނިޒާމުގެ ތެރޭގައި މިހާރު ވެސް ޝާމިލުވާ ބޭފުޅުންގެ ތެރެއިން ތެރެއިން ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އަޙްމަދީނިޖާދަކީ އީރާނުގެ އިސްވެރިންނާ ގުޅުން ރަނގަޅު ބޭފުޅަކަށް ނުވި ނަމަވެސް، އެމެރިކާއިން އެ މަޤާމަށް އަޙްމަދީނިޖާދު ހުށަހެޅުމަކީ ސިހުން ގެނުވި ކަމަކަށްވި މައިގަނޑު ސަބަބަކީ، އަޙްމަދީނިޖާދު ވެރިކަމުގައި ހުންނެވި ދުވަސްވަރު އޭނާއަކީ ދުނިޔޭގެ ޗާޓުން ޔަހޫދީން ފުހެލުމަށް ގޮވާލެއްވި ބޭފުޅެއްގެ އިތުރުން އެމެރިކާއަށް ބަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅަކަށް ވީތީއެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ވަރަށް ބޮޑަށް ބާރުއެޅުއްވި ބޭފުޅަކަށް ވެސް ވީތީއެވެ. ނަމަވެސް 2019ވަނަ އަހަރު ދެއްވި ބަސްދީގަތުމެއްގައި އަޙްމަދީނިޖާދު ވަނީ އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ތައުރީފުކުރައްވައި، އެމެރިކާއާއި އީރާނާ ދެމެދު ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވައިފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލާ މަދޫރޯ ވަގަށް ނެގުމާާއި، މަދޫރޯގެ މަޤާމު ވަގުތީ ގޮތުން ފުރުއްވުމަށް އެ ޤައުމުން ޢައްޔަނުކުރި ޑެލްސީ ރޮޑްރިގޭޒް އެމެރިކާއަށް އެއްބާރުލުންދީ އެ ޤައުމާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވުމުގެ ސަބަބުން، ހަމަ އެ އުކުޅުތައް ބޭނުންކޮށްގެން އިރާނުގެ ވެރިކަން ބަދަލުކުރެވިދާނެ ކަމަށް ޓްރަމްޕްއަށް ޤަބޫލުފުޅު ކުރެއްވުނު ކަމަށެވެ. އެއާއެކު އެ ރޭވުން އަޙްމަދީނިޖާދާއެކު އެމެރިކާއިން ޙިއްޞާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަނގުރާމަ ފަށައި، ގޭ ބަންދުގައި ހުންނެވި އަޙްމަދީނިޖާދު މިނިވަންކުރެއްވުމަށްޓަކައި ޔަހޫދީން ވަނީ އޭނާގެ ގެކޮޅަށް ޙަަމަލާދީފައެވެ. ނަމަވެސް އެ ގެކޮޅުގައި ޤާއިމްވެ ތިބި ފާރަވެެރިންނަށް އަމާޒުކުރި އެ ޙަމަލާގައި އަޙްމަދީނިޖާދަށް ޒަޚަމްވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހާ ހިސާބުން ވެރިކަމާ ޙަވާލުވުމާމެދު ރާވާފައިވާ ރޭވުން އޭނާ ދޫކޮށްލެއްވި ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ