ޝަހުޒާންގެ ކޮއްކޮ އާއި ހުސައިން ހަސަން އަދި ހަލީމަތު ހައްޔަރުކޮށްފި

ނޫސްވެރިންނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ތިން މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
މިރޭގެ މުޒާހަރާ ފެށި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ގެ ކުރިމަތިންނެވެ. އެއަށްފަހު މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން އުތުރަށް އައިސް މަޖީދީ މަގުން ކުރިއަށް ހިނގަމުން ދަނިކޮށް ސާޖަންޓަު އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑިން ކައިރިން ޝީލްޑާއެކު ނުކުމެ ރަޔަޓު ގިއަރުގައި ތިބި ފުލުހުން ވަނީ ހުއްޓުވާފަ އެވެ.
އެ ތަނުން އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލުކުރިއިރު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ ކޮއްކޮ، އިބްރާހިމް ފައުޒާން (ބޮބް) އެވެ. އޭނާއަކީ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފެކެވެ.
އެއަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލުކުރައްވާ ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން އެވެ. ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ކުރީ ސަފުން ފެންނަ ހަލީމަތު ޒުހައިރާ އެވެ.
މުޒާހަރާ އޮންނަ ކޮންމެ ރެއަކު ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނުކުމެ މުޒާހަރާއަށް ދަނީ ހުރަސް އަޅަމުންނެވެ. މިވަގުތު ވެސް ފުލުހުންގެ ހައްޔަރުގައި މުޒާހަރާކޮށްގެން ތިން މީހުން އެބަތިއްބެވެ. ޝަމްއޫން ޖަލީލު (ލޫކަސް) 10 ދުވަހުގެ ބަންދެއްގައި އޮތްއިރު މުހައްމަދު ޝާމިން އާއި އަލީ މުޝައްފައު ބަންދުކޮށްފައި ތިބީ 15 ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ