ޕީއެންސީގެ 23 މެންބަރަކު ނާޒިމާ އެކު އެބަތިބި: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.މި ސަރުކާރުގައި ވަރަށް ނުފޫޒުގަދަކޮށް އުޅުއްވި ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް ޓަކައި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ވަނީ ނިމުނު ހަފުތާގެ ތެރޭގައި މަޖިލީހަށް ވައްދާފަ އެވެ.މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވާހަކަ ދެއްކެވި އެވެ. މުއިއްޒުއަކީ ސިޔާސީ ގޮތުން ގާތް ބޭފުޅުންނަށް ވެސް ބޭވަފާތެރިވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރައްވާނެ ކަމުގެ އިންޒާރު މިރޭ ވެސް ނަޝީދު ދެއްވި އެވެ.ނަޝީދުގެ ވާހަކަ ނިންމާލެއްވީ ރައީސް މުއިއްޒަށް ރައްދު ކުރެއްވި ޅެންބައިތެއްގެ ޝަރަހައަކުންނެވެ. އެގޮތުން ވިދާޅުވީ:ޖޫން ޖުލައި ގަދަ ކުރިމަތިވަނީއޭ، ދުއްވާނު އޮނޑި މަޑުކޮށްނުލައްވައްޗޭ، ހުންގާނު ތިޔަ ހުރީ މޮޅު ލަކުނޑިއަކުންހޭ، ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،""ކޮޅުވަތުގައި ހުރި ގޮތްވެސް އަޅުގަނޑުމެންނަށް އެނގޭ. މިސްރާބު ހިފަންވީ ގޮތްވެސް އަޅުގަނޑޫމެންނަށް އެނގޭނެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ނުކުމެ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކޮށް، މި ޕާޓީ އަލުން އަނބުރާ ވެރިކަމާ ހަވާލުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ