ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ މިހާރަށްވުރެ ބޮޑުކޮށްދިނުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި މަހުގެ 11 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ އެދިވަޑައިގެންނެވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ދިރާސާކޮށްދެއްވުމަށެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ އޮނިގަނޑަށް ގެންނަން ފެންނަ މުސާރައިގެ އާ އަދަދުތަކެއް ވެސް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ. އެގޮތުން ކައުންސިލްގެ ރައީސަށް 45,000 ރުފިޔާ، ކައުންސިލްގެ ނައިބު ރައީސަށް 35,000 ރުފިޔާ، އަދި ކައުންސިލް މެންބަރަކަށް 25,000 ރުފިޔާ ހަމަޖައްސަވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މުސާރަ ބޮޑުކުރަން ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވީ، ކައުންސިލްތަކުގެ އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ އިންތިހާބީ ކައުންސިލަރުންނަށްވުރެ ބޮޑުވުމެވެ. އެގޮތުން ކައުންސިލްގެ ރައީސަށްވުރެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މުސާރަ ބޮޑުވުމާއި، ނައިބު ރައީސަށްވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންނަށްވުރެ ކުޑަކޮށް އޮތުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއް ކަމަށް ދެކޭނެ ސަބަބެއް ކަމަށް ކުޑޫގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި މީގެ ސަބަބުން އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އައިސް، އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ޕޭ ކޮމިޝަނުގެ އާ ނިންމުމާއެކު، ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރަ 7,000 ރުފިޔާއިން 41,500 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި 33,000 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 8,500 ރުފިޔާއެވެ. އަދި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރަ 6,000 ރުފިޔާއިން 21,000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމައިފައެވެ. އެއީ މުސާރައިގެ ގޮތުގައި 16,500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 4,500 ރުފިޔާއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ