ނާޒިމް ވަކިކުރަނީ 23 މެންބަރަކާއެކު ޕާޓީ ބަދަލުކޮށް، ރައީސް ވަކިކުރަން އުޅޭތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި އޮތް 'ބޮޑު ބަދަލު' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ އިތުބާރު ގެއްލިގެން އުޅޭ ސަބަބެއް އަދިވެސް ހާމަނުކުރާ ކަމަށެވެ. "އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ، އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ. ރައީސަކީ ގޮތެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވެ، ނަޝީދު ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭރު ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމް އުވައިލީ ރައީސް އަންގަވައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ވަނީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ބާކީކުރައްވައި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު ޣައްސާން މައުމޫން ވަކިކުރައްވައިފައިވާ ކަމަށާއި، ދިވެހީން މީގެ ކުރިންވެސް އެފަދަ މަންޒަރެއް ދެކެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިވެހީންނަކީ ބޭވަފާތެރިން ބަލައިގަންނާނެ ބައެއް ނޫން ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ. "ރައީސް މުޢިއްޒަކީ ބޭވަފާތެރި ބޭފުޅެއް، ހަމައެކަނި އަނބިކަނބަލުންނަކަށްނެއް ނޫން، އެކުވެރި ސިޔާސީ ލީޑަރުންނަށް ބޭވަފާތެރި ބޭފުޅެއް، ރާއްޖޭގެ ރައްޔިތުން އެ ބޭފުޅާ ބަލައެއް ނުގަންނާނެ،" ނަޝީދު ވިދާޅުވިއެވެ. މި ވެރިކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ނަޝީދު ތަކުރާރުކުރެއްވިއެވެ. ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމަ ނުކުރެއެވެ. https://sun.mv/221984 ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ. ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ. "މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ