ވޯލްޑް ކަޕް ގްރޫޕް ޖީ ގައި ނިއުޒީލަންޑް އަތުން 3-1 އިން މޮޅުވެ، މިސްރުން މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.
މިއީ ހަތަރު ފަހަރު ވޯލްޑް ކަޕް ކުޅެފައިވާ މިސްރުން، އެ މުބާރާތުގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ނިއުޒީލަންޑްގެ ފިން ސުރުމަން ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި މުހައްމަދު ސަލާހުގެ މޮޅު ކުޅުމާއެކު މިސްރުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފަ އެވެ. މިސްރުގެ ލަނޑުތައް ޖަހައިދިނީ މުސްތަފާ ޒީކޯ އާއި ސަލާހްގެ އިތުރުން ޓްރެޒެގޭ އެވެ.
"މިއީ ހުރިހާ ކުޅުންތެރިންނަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް. މިއީ ވަރަށް މުހިންމު މޮޅެއް. މިއީ ވަރަށް އުފާވެރި އިހުސާސެއް. ދެން އޮތް މެޗު ވަރަށް މުހިންމު ވާނެ،" ސަލާހް ބުންޏެވެ.
މި ގްރޫޕްގައި ހިމެނޭ ބެލްޖިއަމް އާއި އިރާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދަތުރުފަތުރާއި ވިސާގެ ދަތިތަކާ ހުރެ އުނދަގޫ ހާލަތެއްގައި ކުޅުނު އިރާނުން ވަނީ ބެލްޖިއަމް ހިފަހައްޓާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމްގެ ނޭތަން އެންގޯއީ އަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެލްޖިއަމްގެ ގިނަ ހަމަލާތަކެއް ދިފާއުކުރި އިރާންގެ ކީޕަރު އަލީރެޒާ ބޭރަންވަންދެވެ އެވެ.
އިރާންގެ ކޯޗު އާމިރު ގަލެނޮއީ ބުނީ ދައްޗާއި ގޮންޖެހުންތަކާ އެކު ވެސް އިރާނުން ކުޅުނީ ރީތި މެޗެއް ކަމަށެވެ.
"އަހަރެމެން ވޯލްޑް ކަޕާ ކުރިމަތިލީ އެންމެ އުނދަގޫ ހާލަތުގެ ތެރެއިން. އެކަމަކުވެސް މޮޅު ޓީމަކާއި މޮޅު ކޯޗަކާ ދެކޮޅަށް އަހަރެމެންނަށް ނަތީޖާއެއް ނެރެވިއްޖެ. އަހަރެމެން ކުޅުނީ ރީތި ގޭމެއް،" އިރާންގެ ކޯޗު އާމިރު ގަލެނޮއީ ބުންޏެވެ.
މި ނަތީޖާތަކާ އެކު މިސްރު މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިގައެވެ. އިރާނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ނިއުޒީލަންޑް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައެވެ.
މިސްރަށް ތާރީހީ މޮޅެއް، ގޮންޖެހުންތަކާ އެކު ވެސް އިރާނުން "ރީތި" ކުޅުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ