ޤަޠަރުގައި ހުންނަ ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ގުދުރަތީ ގޭސް (އެލްއެންޖީ) ސާފުކުރާ ކާރުޚާނާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، 54 މީހުން ޒަޚަމުވެ، އިތުރު 18 މީހުން ގެއްލިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ރާސު ލިއްފާން އިންޑަސްޓްރިޔަލް ސިޓީގައި ހުންނަ އެލްއެންޖީ ސާފުކުރާ ދުނިޔޭގެ އެންމެ ބޮޑު ކާރުޚާނާގައެވެ. ބާރުގަދަ އެއްޗެއް ގޮވާފައި ވަނީ ކާރުޚާނާގެ އެތެރޭގައި ކަމުގައި ޤަޠަރުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރިއެވެ. މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ޤަޠަރުގެ އިންޓަރނޭޝަނަލް ސަރޗް އެންޑް ރެސްކިއު ގްރޫޕުން މިހާރު ދަނީ ކުރަމުންނެވެ.
ޤަޠަރުގެ ދާޚިލީ ވުޒާރާއިން ބުނީ، ކާރުޚާނާގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ "ޓެކްނިކަލް" މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައެވެ. އޮފިޝަލުން ވިދާޅުވީ، ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވި މަދަނީ ދިފާޢީ އިދާރާގެ ޓީމުތަކުގެ މެންބަރުންނަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމުގައެވެ. އަދި، މި ހާދިސާގެ ސަބަބުން ޢާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ގޭހެއް ބޭރުވެފައި ނުވާ ކަމުގައެވެ. ރާސު ލިއްފާން އިންޑަސްޓްރިޔަލް ސިޓީ ބަލަހައްޓާ މައި އިދާރާ ކަމުގައިވާ ޤަޠަރުއެނަރޖީން ބުނީ، ބަރަޒާން ކާރުޚާނާގައި ބާރުގަދަ އެއްޗެއް ގޮވުމާއެކު، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން އެ ސަރަޙައްދުގައި މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި، މި ހާދިސާއާއެކު އެ ތަނުގައި އަލިފާން ރޯވި ނަމަވެސް، މިހާރު އަލިފާންގަނޑު ކޮންޓުރޯލުކޮށް ނިއްވައިލާފައިވާ ކަމުގައެވެ.
ދަވްޙާގެ އުތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ބޭރުގައި އޮންނަ ރާސު ލިއްފާން އިންޑަސްޓްރިޔަލް ސިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓު ކުރާ މަރުކަޒެވެ. ދުނިޔެއަށް ބޭނުންވާ އެލްއެންޖީގެ ފަސް ބައިކުޅަ އެއްބައި އުފައްދަނީ އެ ސިޓީގެ ކާރުޚާނާތަކުންނެވެ. މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި، އީރާނުން ދިން މިސައިލް އަދި ޑްރޯން ޙަމަލާތަކެއްގެ ސަބަބުން އެ ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ޤަޠަރުގެ ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ. އެ ޙަމަލާތަކާ ގުޅިގެން، ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ޤަޠަރުއެނަރޖީން އޮތީ ނިންމާފައެވެ. މި ކަމުގެ އަސަރު އިޓަލީވިލާތް، ބެލްޖިޔަމް، ދެކުނު ކޮރެޔާ އަދި ޗައިނާގެ ކަސްޓަމަރުންނަށް ވަނީ ކޮށްފައެވެ.
ޤަޠަރުގެ ގޭސް ކާރުޚާނާއެއްގައި ބޮޑު ގޮވުމެއް، 54 މީހުން ޒަޚަމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ