ކުރީގެ ވެރިންނަށް ނުކެރުނު ތަންތާ މުއިއްޒު އަތްލައިގެން އަތް ފިއްސާލުން

އިގުތިސޯދާއި ވިޔަފާރިއާއި ގުޅުން ހުރިކަންކަމާ ކުއްލި ކުއްލިއަށް ކުޅުމަކީ ގިނަ ފަހަރަށް އޭގެ ގެއްލުން އިޔާދަކުރަން އުދަގޫ ކަންކަމެވެ. އެޒާތުގެ ކަންކަމާ ކުޅުމަކީ ވަރަށް ބޮޑަށް ބަލާ ދިރާސާކޮށް ހަދާފައި ނޫނީ ކުރުމުން އިންތިހާ ދަރަޖައިގެ ގެއްލުން ހުރި ކަމަކަށްވެދާނެއެވެ. ކުރީގެ ވެރިން ނުކުޅެހުރި ކަންކަމާ ނުކުޅެހުރީ ނުކުޅުމަށްވުރެ ކުޅެގެން ލިބޭނެ ގެއްލުން ބޮޑުވާނެތީއެވެ. 
އެހެނެއް ކަމަކު ރާއްޖޭގެ ކުރީގެ ވެރިންނަށް އަތްލަން ނުކެރުނު ތަންތާ އަތްލަން ކެރޭ ވެރިއެއްގެ ގޮތުގައި މުއިއްޒު މަޝްހޫރު ކުރާ ބަޔަކު އުޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ ވަކިކުރި ނައިބުރައީސް އަހުމަދު ނާޒިމް ވެސް ނިކަން ގިނައިން އެހެން ބުނާތީ އަހަމެވެ. އެހެން މީހުންނަށް އަތްލަން ނުކެރޭ ތަންތާގައި އަތްލައިގެން މުއިއްޒު އަތް ފިއްސާ ލުމުގެ އެންމެ އައުލާ އެއް މިސާލަކީ ދުންފަތެވެ.
ރައީސް މުއިއްޒު ސިނގިރޭޓްގެ އަގު ބޮޑުކުރުމުގެ ކުރިން އިންޕޯޓް ޑިއުޓީގެ ގޮތުގައި އަހަރަކު ބިލިޔަނަކަށްވުރެ ބޮޑު އާމްދަނީއެއް ސިނގިރެޓުން ދައުލަތަށް ލިބެމުން ދިޔައެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ބާވަތްކަމުގައިވާ ކެމެލް ސިނގިރެޓް ފޮއްޓެއް އޭރު ބާޒާރުން 110 ރުފިޔާއަށް ލިބެއެވެ. 
މުއިއްޒު ދުންފަތާ ކުޅުމުގެ ކުރީން ގޮތް ނޭނގޭ ފޭކް ބާވަތް ބާވަތުގެ ދުންފަތާއި ސިނގިރޭޓެއް ދައުރެއް ނުވެއެވެ. ރާއްޖެއަށް ސިނގިރެޓް ސްމަގުލެއް ނުކުރެއެވެ. ސިނގިރެޓް ސްމަގުލުކޮށްގެން ބަޔަކަށް އަދަބުދޭކަށް ވެސް ނުޖެހެއެވެ. 
ވޭޕް ބޭންކޮށް ސިނގިރެޓްގެ އަގު ދެގުނައަށް ބޮޑުކުރުމަކުން ދުންފަތުގެ އިސްތިއުމާލްކުރާ މީހުން މަދެއް ނުވިއެވެ. ވޭޕް ބޭނުންކުރި އެތައް ބަޔަކު ސިނގިރެޓަށް ހިޖުރަކުރީއެވެ. ރަނގަޅު ފެންވަރުގެ ސިނގިރެޓްގެ ބަދަލުގައި ގޮތްނޭނގޭ ބާވަތް ބާވަތުގެ ފޭކް ސިނގިރެޓާއި އެކި ފެންވަރުގައި ޕްރޮސެސްކޮށްފައި ހުންނަ އެކި ވައްތަރުގެ ދުންފަތުން ބިޑި އޮޅައިގެން ގިނަ ބަޔަކު ބޭނުން ކުރަންފެށީއެވެ. 
ނަތީޖާއެއްގެ ގޮތުން ހޮޓާކެފޭ ރެސްޓޯރެންޓްތަކުގެ މޭޒުމައްޗަކީ ބިޑިއޮޅާ މަރުކަޒްތަކަށް ބަދަލުވީއެވެ. އޮޅަނީ ބިޑިއެއްކަމެއް މަސްތުވާ އެއްޗެއް ކަމަށް ނޭނގޭ ވަރަށް އޮޅުން އެރީއެވެ. ދުންފަތް ބޭނުންކޮށްގެން ކުރިން ނުޖެހޭ އެތައް ބައްޔަކާއި ރޯގާއެއް ފޭކް ސިނގިރެޓާއި އޮޅާ ބިޑީގެ ސަބަބުން މީހުނަށް ޖެހެންފެށީއެވެ. 
ދުންފަތުން ޖެހޭ ބަލިތަކަށް ފަރުވާކުރަން ދައުލަތުން ކުރަންޖެހޭ ހަރަދު ފުކެއްވެސް ކުޑަނިވިތާނގައި ދައުލަތަށް ދުންފަތުން ލިބުނު ބޮޑު އާމްދަނީވެސް ނުލިބުނީއެވެ. ކުރީން އަހަރަކު ބިލިޔަނަކަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް މުއިއްޒު ގެނައި ބަދަލާގުޅިގެން 90 އިން ސައްތައަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ދައުލަތަށް  އުނިވެގެން ދިޔައީއެވެ. 
ކަމެއްގެ އެކޮޅު މިކޮޅު ނުބަލާ ޖަޒްބާތުގައި ކުރާކަންކަމުން އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ވެއެވެ. އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ނަމުގައި ދުންފަތުގެ ވަގުވިޔަފާރިއަށް ދޮރު ހުޅުވާލުމުން ވީމޮޅެއް ނެތެވެ. ދައުލަތަށް ލިބުން ޢާމްދަނީ ބޮޑުތަނުން މަދުވީއެވެ. ސްމަގުލުގެ އައު ދޮރެއް ހުޅުވުނީއެވެ. ބަޔަކު ކުއްވެރި ވާނެ ކުށުގެ އައުވެއްޓެއް އުފަން ކުރުވީއެވެ. އާއްމުންގެ ދިރިއުޅުމުގެ ހާލަތު ދަށްވީއެވެ. އެހެން ކަމުން އުނބަށްޖެހުން މާލަސްވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ