ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ހެލްތު ކޭމްޕެއް ބާއްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރަށް ރޭވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް، ލ. ގަމުގައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެެއް؟ - ގަމު ރީޖަނަލް ހޮސްޕިޓަލާއި އެ ރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން މިދިޔަ ހުކުރު އަދި ހޮނިހިރުގައި ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 465 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ދީފައިވެ އެވެ.
ތަފްސީލް - މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވައި ސިއްހީ ސްކްރީނިން އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.
ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ސިއްހީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ހާއްސަ ސެޝަނެއް ވެސް ކުރިއަށްގެންދިޔަ އެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ތަމްރީނު ސެޝަނެއް ވެސް ވަނީ ބާއްވާފަ އެވެ.
މި ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލުމުގައި ގަމު ރީޖަނަލް ހޮސްޕިޓަލާއި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، ކަމާބެހޭ އިދާރާތަކުންނާއި ވޮލަންޓިއަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކުރެ އެވެ.
ފާހަގަކޮށްލެވޭ - މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ.، ދ.، ތ.، ގއ.، ގދ.، ހއ.، ލ.، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ ބާއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ