މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި، އެއްބާރުލުން ނުލިބޭ މައްސަލަ ހައްލުކޮށްދިނުމަށް އެދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މާލެ ސިޓީ ކައުންސިލުން ހުށަހަޅައިފިއެވެ.
މި މައްސަލަ ބޮޑުވެފައިވަނީ މާލޭގެ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ދެ މުއައްސަސާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންނެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއަށް ކައުންސިލުން ހުރަސްއަޅާ ކަމަށް ބުނެ ސަރުކާރުން ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. މި މަޝްރޫއަކީ މީގެ ކުރިން ދެ ފަރާތަކާ އެކު އެއްބަސްވުން ހަދާފައިވާ މަޝްރޫއަކަށް ވާއިރު، ގާނޫނީ ހަމަތަކުގެ މަތިން އެ އެއްބަސްވުންތައް ބާތިލުނުކޮށް ތިންވަނަ ފަރާތަކަށް ބިން ހަވާލުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް، ހައުސިން މިނިސްޓްރީން މިހާރު ވަނީ ކައުންސިލާ މަޝްވަރާކުރުމެއް ނެތި ތިންވަނަ ކުންފުންޏަކާ މި މަސައްކަތް ހަވާލުކޮށްފައެވެ.
ކައުންސިލުން ފާހަގަކުރާ ގޮތުގައި، މި މައްސަލައިގައި މަޝްވަރާކުރުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ހައުސިން މިނިސްޓްރީން އެދެވޭ ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ބައްދަލުވުންތަކަށް ފުރުސަތު ނުދީ، ހަމައެކަނި ލިޔެކިއުމުން މުއާމަލާތް ކުރުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން، މަޝްރޫއު ހަވާލުކުރި ކުންފުނީގެ މައުލޫމާތާއި ތަފްސީލުތައް ހިއްސާކުރުމަށް އެދުމުންވެސް އެ މައުލޫމާތު ލިބިފައި ނުވާކަން ކައުންސިލުން ފާހަގަކުރެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ ”ވެޓް މާކެޓް“ މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް އެ އިދާރާ އިން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ވަނީ ސިޓީ ފޮނުވައިފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް، ޑިޒައިން ކޮށްފައިވާ ގޮތަށް ކަމަށެވެ. އެ ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ އެއްބަސްވުން ބާތިލްނުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުން ކަމަށެވެ.
މި މައްސަލައިގައި ގާނޫނީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށާއި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެލްޖީއޭގައި އެދިފައެވެ. ކައުންސިލުން ގަބޫލުކުރާ ގޮތުގައި، މިހާރު މިނިސްޓްރީން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ވިލަރެސްކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން، އެލްޖީއޭ މެދުވެރިވެގެން މިކަމަށް ދާއިމީ ހައްލެއް ހޯދުމަކީ މުހިންމު ކަމެކެވެ.
މާލޭގެ ލޯކަލް އަދި މަސްމާރުކޭޓަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ، އަދި ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށް ކައުންސިލުން ތާއީދުކުރި ނަމަވެސް، ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަންޖެހޭ ގާތް ގުޅުން ކެނޑިގެން ދިއުމަކީ ތަރައްގީގެ މަސައްކަތްތަކަށް އެޅޭ ހުރަހެކެވެ. އެހެންކަމުން، އެލްޖީއޭގެ މެދުވެރިވުމާއެކު މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިއުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.
ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭ މައްސަލަ އެލްޖީއޭއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ