އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ބުނެފި އެވެ.
އެ އިދާރާއިން ބުނި ގޮތުގައި މި މައްސަލައަކީ މައިގަނޑު ގޮތެއްގައި ބޭރު ގައުމަކާ ގުޅުން ހުރި ކަމަކަށް ވުމާއި، ކުށް ސާބިތުކޮށްދޭން އުނދަގޫވުމުގެ އިތުރުން، މިއީ އެ އިދާރާއިން އިސްކަންދޭ ކަންކަމާ ފުށުއަރާ މައްސަލައެކެވެ.
އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ނިކޮލަސް ގަރައުފިސް މިދިޔަ މަހު ޕްރޮސެކިއުޓަރުންނަށް އަމުރުކުރެއްވީ، ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޕްރޮސެކިއުޓަރުން އަދާނީގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާތައް ދޫކޮށްލަން ނިންމި ސަބަބު ސާފުކޮށްދިނުމަށެވެ. މި ދައުވާތަކަކީ ރިޝްވަތުގެ މުއާމަލާތްތަކަކާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ކޯޓަށް ހުށަހެޅި 10 ސަފުހާގެ ރިޕޯޓެއްގައި ވަނީ، އަދާނީ އާއި ދައުވާ ލިބޭ އެހެން ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ދާއިމީކޮށް ބާތިލުކުރަން ބޭނުންވާ ސަބަބުތައް ތަފްސީލުކޮށްދީފަ އެވެ.
އަލަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވާ ގޮތުގައި، ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޕްރޮސެކިއުޓަރުން އަދާނީއާ ދެކޮޅަށް މި މައްސަލަ ފެށީ އެއްވެސް އަސާސެއް ނެތި، ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑަކޮށް އޮއްވަ އެވެ.
"މި ދައުވާ އާންމުކޮށްފައިވަނީ ކުރީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްވަރު، ހަގީގީ ޝަރީއަތެއް ހިންގުމުގެ އެއްވެސް އުންމީދެއް ނެތި، ހަމައެކަނި ބަޔަކު ބަދުނާމުކޮށް ތުހުމަތުތަކެއް އެޅުވުމުގެ މަގްސަދުގައި ކަމަށް ބެލެވޭ،" ކޯޓަށް ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެއްވެސް ޖިނާއީ ޖަމާއަތެއް ނުވަތަ އެމެރިކާގެ ކުންފުންޏެއް ހިމެނޭ ކަމެއް ނޫން ނަމަ އަދި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ނަމަ، ބޭރު ގައުމެއްގައި ހިނގާފައިވާ ކަމަށް ބުނާ އަމަލުތަކަކަށް އެމެރިކާ ސަރުކާރުގެ ވަކީލުން ދައުވާކޮށްގެން ނުވާނެ އެވެ.
"މި މައްސަލައިގައި ހިމެނޭ 'ފައިސާގެ މުއާމަލާތްތަކަކީ' އިންޑިއާގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުން، އިންޑިއާ ސަރުކާރަށް ދީފައިވާ ފައިސާތަކެއް. މީގައި އެމެރިކާގެ އެއްވެސް މަސްލަހަތެއް އެއްވެސް މިންވަރަކަށް ހިމެނިފައެއް ނުވޭ،" އެ ލިޔުމުގައި ބުނެފައިވެ އެވެ.
އަދާނީގެ މައްޗަށް 2024 ވަނަ އަހަރު ދައުވާ އުފުލީ، އޭނާގެ އަދާނީ ގްރޫޕްގެ ސަބްސިޑިއަރީ ކުންފުންޏަކަށް އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ޕްލާންޓެއް ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދޭން އެއްބަސްވި ކަމަށް ބުނެ އެވެ. އަދި އޭގެ ފަހުން އޭނާގެ ކުންފުނީގެ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުތަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދީގެން އެމެރިކާގެ އިންވެސްޓަރުންނަށް އޮޅުވާލި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އަދާނީގެ ކުންފުނި ކަމަށްވާ އަދާނީ ގްރޫޕުން ވަނީ އެއްވެސް ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި އަދާނީ އަމިއްލައަށް މިހާތަނަށް އެމެރިކާގެ ކޯޓަކަށް ހާޒިރުވެ މި ދައުވާތަކަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.
އެމެރިކާގެ ދައުވާތައް ދޫކޮށްލަން ނިންމި އިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި ޖަސްޓިސް ޑިޕާޓްމަންޓުން މަތީ ފަންތީގެ ކުށްތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް ނިންމާލަން މަސައްކަތް ކުރަމުންދެ އެވެ.
ގާނޫނީ މާހިރުން ބުނާ ގޮތުގައި، ޕްރޮސެކިއުޓަރުން ކުރިއަށް ގެންދަން ބޭނުން ނުވާ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުމަށް މަޖުބޫރު ކުރުވުމުގެ ބާރު އެމެރިކާގެ ފަނޑިޔާރުންނަށް އޮންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް، ޖަޖް ގަރައުފިސް އެ މައްސަލަތައް ބާތިލުކުރަން އަމުރު ކުރައްވަންދެން، ރަސްމީކޮށް އެ ދައުވާތައް އަދިވެސް އޮންނާނީ ކޯޓުގަ އެވެ.
އެމެރިކާއިން ބޭނުންވަނީ އިންޑިއާ ބިލިއަނަރުގެ ރިޝްވަތުގެ ދައުވާ އަނބުރާ ގެންދަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ