ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފާގެ މީހުންނަށް ކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޭޝަނަލް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރކަން ވެސް ކުރައްވާ ޑރ. ފައިސަލް މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ހިމަބިހި ޖެހިގެން 72 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭއިރު، ބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވާ އެންމެންނަކީވެސް 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފުރާގެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ރާއްޖެއަށް ހިމަބިހި އެތެރެވުމުން ފެތުރުމުގެ ނުރައްކާ ބޮޑުވަނީ، ހިމަބިހީގެ ވެކްސިން 2 ޑޯސޭޖް ފުރިހަމަ ނުކުރާ ފަރާތްތަކަށް ކަމަށެވެ. މިކަން ފާހަގަކޮށް އޭނާ ވަނީ 2023 ވަނަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖޭގެ ވެކްސިންގެ ދެވިފައިވާ މިންވަރު އެނގޭ ދިރާސާއެއްގެ ބައެއް ހިއްސާކޮށްދެއްވާފައެވެ. އެގައިވާ ގޮތުން އާބާދީ 15 އަހަރާއި 20 އަހަރާއި ދެމެދު މީހުން ތެރެއިން 20 ވަރަކަށް އިންސައްތަ މީހުން ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ނުވެއެވެ.
ޑރ. ފައިސަލް ވަނީ މި އުމުރުފުރައިގެ ފަރާތްތައް ވެކްސިން ޑޯސޭޖް ފުރިހަމަވެފައިވޭތޯ ޔަޤީން ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވަނީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހާފައިވާ ކަން ޔަޤީން ކުރުމަށް ވެކްސިން ކާޑުތައް ބެލުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މީސަލްސް ނުވަތަ ހިމަބިހީގެ ވެކްސިންގެ އެކި ވައްތަރު ހުންނައިރު މިއިން ކޮންމެ ގޮތަކަށްވެސް ވެކްސިން ޑޯސޭޖް ހަމަކުރިނަމަވެސް ޑޯސޭޖް ހަމަވެފައިވާވޭތޯ ޔަޤީން ކުރުމަށް ވަނީ އިރުޝާދުދީފައެވެ.
މީގެ އިތުރުން ވެކްސިން ޑޯސޭޖް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ އެކި މަރުކަޒުތަކުން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މާލޭ ސަރަހައްދުގައި 6 ތަނަކުން ވެކްސިން ދޭނެއެވެ.
1. އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ
2. ހުޅުމާލެ ހޮސްޕިޓަލް
3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. އޭޑީކޭ ހޮސްޕިޓަލް
6. ޓްރީޓޮޕް ހޮސްޕިޓަލް
މިއިން ކޮންމެ ތަނަކުންވެސް ކަނޑައެޅިފައިވާ ދުވަސްތަކާއި ގަޑިތަކުގެ ވެކްސިން ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތަކުގައި ޚިދުމަތްދޭ ދުވަސްތަކާއި ގަޑިތައް އިއުލާން ކުރާނީ އެ އަތޮޅެއްގެ މަރުކަޒަކުން ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ހިމަބިހި ނުވަތަ މީސަލްސްއަކީ އެންމެ ފަސޭހައިން ފެތުރޭ ގައިގަޔަށް އަރާ އެއް ބާވަތުގެ ބައްޔެވެ. ހިމަބިހި ޖެހިފައިވާ މީހަކު ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ވައިގެ ތެރޭގައި މި ވައިރަސް ހަރުލާފައި 2 ގަޑިއިރު ހުރެއެވެ.
ރާއްޖޭގައި މިފަހަރުގެ އައުޓް ބްރޭކްގައި ސިވިއަރ ކޭސްއެއް ނެތްކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގެ ބޮޑު އާބާދީއަކީ ވެކްސިން ފުރިހަމަކޮށްފައިވުންކަމަށް އެޗްޕީއޭއީން ފާހަގަކުރެއެވެ.
ހިމަބިހި އައުޓްބްރޭކާ ގުޅިގެން އަޅާ ފިޔަވަޅެއްގެގޮތުން، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކޭނެ ވަކި އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ