ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ ގޮނޑީގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ. 
އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ޝުޖާއު ގޮނޑީގެ މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ރިވިއު ކުރަމުން އަންނަ ކަމަށާއި މި ހަފުތާގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. 
ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކޮށް ޝުޖާއު އިންތިހާބުވުމަށް ފަހު، އެ ޕާޓީ އުވާލުމާ އެކު އަދި ކައުންސިލްގެ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އޭނާ ދަފްތަރުވި އެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާން ކުރެ އެވެ. 
The most trusted news source in the Maldives
ދައުރު ފެށުނު ފަހުން ޝުޖާއު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލިފައި ވާއިރު، މިއީ ގާނޫނުގައި ނެތް ހާލަތެއް ކަމަށް އޭނާ ވިދާޅުވެފަ އެވެ. އަދި ދެން ވެސް އިންތިހާބެއް ބޭއްވިޔަސް ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑީގެ މަގާމު ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވެފަ އެވެ. 
ޝުޖާއު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ. 
ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މިދިޔަ މެއި މަހު މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމިއިރު، އެލްޖީއޭ އިން ވަކިގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރިީކޮޅުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކައުންސިލް ހިންގުން ނައިބު ރައީސްއާ އޮތީ ހަވާލުކޮށްފަ އެވެ. 
ކައުންސިލް އިންތިހާބަށް ފަހު، ހުވާ ކުރުމުގެ ކުރިން ބައެއް ކައުންސިލްގެ މެންބަރުން ޕީއެންސީއާ ވެސް ގުޅުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ