އައިޖީއެމްއެޗުން ހިތުގެ ބަލިތަކަށް ފަރުވާދޭތާ 10 އަހަރު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނޭޝަނަލް ކާރޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އައިޖީއެމްއެޗުގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވަނީ، 1 ޖުލައި 2016 ވަނަ އަހަރުއެވެ. މިއީ، މި ޚިދުމަތް ދޭންފެށިތާ 10 އަހަރު ފުރޭ އަހަރެވެ.
މި ރަސްމިއްޔާތުގައި ވަނީ، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައިގޮތާއި އަދި މި ޚިދުމަތް ފުޅާވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯވެސް ވަނީ އިފްތިތާޙު ކޮށްފައެވެ. އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އައިޖީއެމްއެޗުގެ ނެޝަނަލް ކާޑިއެކް ސެންޓަރުގައި 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް، ހިތުގެ ބަލި ހުންނަ މީހުންނަށް ކުއްލި ޙާލަތުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ސަރަޙައްދީ ފެންވަރުގައި ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗުން ބުނީ، އެންސީސީ ހުޅުވިފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރައިގެންދާ މީހުންގެ ޢަދަދު ދަށްވެފައިވާ ކަމަށެވެ.
އެންސީސީން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުމާއި، އީސީޖީ ހެދުން އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސްގެ ޒަރިއްޔާއިން ހިތުގެ ހިނގުމާއި މަސައްކަތް ކުރާ ގޮތް ބެލުމަށް ހަދާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުމާއި، ހިތާ ކައިރީގައިވާ ލޭހޮޅިތައް ހިނގަމުންދާ ގޮތް ބެލުމަށް ހަދާ އީކޯ ކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެއެވެ. އެ ސެންޓަރުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ