ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެފައިވާ ކަމަށް އެލްޖީއޭއިން ނިންމި މައްސަލައިގައި ކޯޓަށް ދާން އިދިކޮޅު އެމްޑީޕީ އިން ނިންމައިފި އެވެ.
ސުޖާއު މަގާމުން ވަކިވެފައިވާ ކަމަށް އެލްޖީއޭއިން ނިންމީ، ޑިމޮކްރެޓްސްގައި ހުރެ އެމްޑީޕީއަށް ސޮއި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ކޯޓަށް ދާން ނިންމިކަން އިއުލާނު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"ތިނަދޫގެ ކައުންސިލަރު ވަކި ކުރުމުގެ މައްސަލަ އަޅުގަނޑުމެން މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅާނަން. މިހާރު ޕާޓީގެ ގާނޫނީ ޓީމުން އެ މަސައްކަތް ކުރަމުންދަނީ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި އެވެ.
ސުޖާއު އެމްޑީޕީއަށް ސޮއި ކުރީ ދަ ޑިމޮކްރެޓްސް އުވާލާފައިވާކަން އެ ޕާޓީއަށް އެންގުމުންނެވެ. ނަމަވެސް ރަސްމީކޮށް ޕާޓީ އުވާލީ ސުޖާއު އެމްޑީޕީއަށް ސޮއި ކުރި ފަހުންނެވެ.
އެ މައްސަލައިގައި އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އޭނާ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އަންގާފައިވާ ކަމަށެވެ. ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އުވައިލިކަން އޭޕްރިލް 11، 2026 ގައި އިލެކްޝަންސް ކޮމިޝަނުން އޮތީ އަންގައިފައެވެ.
މިކަމާ ގުޅިގެން ޝުޖާޢު މީގެ ކުރިން "އަދަދު" އަށް ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލިކަން އެ ޕާޓީއަށް އެންގުމުން ކަމަށެވެ.
"ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސުޖާއު ވަކި ކުރަން ނިންމި މައްސަލައިގައި އެމްޑީޕީ އިން ކޯޓަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ