މި އަހަރުގެ މިހާތަނަށް އެންމެ މަދުން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރާތްކުރީ މިދިޔަ ޖޫން މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،067،543 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 1،124،757 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 5.1 ޕަސެންޓު ދަށަށް ގޮސްފަ އެވެ.
ފާއިތުވި ތިން އަހަރުގައި ރާއްޖެއަށް އެންމެ މަދުން ޓޫރިސްޓުން އައިސްފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، މި އަހަރުގެ މެއި މަހަށްވުރެ ޖޫން މަހު އައީ 19،000 ޓޫރިސްޓުންގެ މަދުންނެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 13 ޕަސެންޓު މަދެވެ.
ރާއްޖެއަށް އެވްރެޖުކޮށް މިހާރު ދުވާލެއްގެ މައްޗަށް 5،898 ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 6،214 ގަ އެވެ.
މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީގައި ރާއްޖެއަށް ވަރަށް ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރިއިރު މާޗުގައި ފެށުނު އިރާން ހަނގުރާމަ އާއެކު ވަރަށް ބޮޑަށް ޓޫރިޒަމަށް އަސަރުކުރި އެވެ. މާޗު މަހާއި އެޕްރީލް މަހު 20 ޕަސެންޓު ދަށްވުމެއް އައުމަށް ފަހު މެއި މަހު 1.7 ޕަސެންޓުގެ ކުރިއެރުމެއް ޓޫރިޒަމް ނަންބަރުތަކަށް އައިސްފައިވެ އެވެ.
މިވަގުތު ނަންބަރުތައް ދައްކާ ގޮތުން 2025 ގައި އައި ރެކޯޑު އަދަދަށް ޓޫރިސްޓުން އައުމަކީ ދުރު ކަމެކެވެ. އެހެން ނަމަވެސް 2024 ގެ ނަންބަރުތަކާ ދާދި އެއްވަރަކަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.
މި އަހަރު އެންމެ މަދުން ޓޫރިސްޓުން އައީ މިދިޔަ ޖޫން މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ