ހަމަ ކިރިޔާ ފްރާންސް ސަލާމަތްވި މެޗުގައި ޕެރަގުއޭގެ ކުޅުންތެރިން މަސައްކަތްކުރީ، އެއް ބަޔަކު ދެކޭ ގޮތުގައި، ފްރާންސް ކުޅުންތެރިން ރުޅިއަރުވައި، މެޗުގެ ފޯކަސް އަނބުރާލާށެވެ. މެޗުގެ ވީޑިއޯތަކުން އެކަން އެނގެ އެވެ.
ނަމަވެސް ފްރާންސް ޓީމުން އޮތީ އެ ހުރިހާ ކަމަކަށް ވެސް ތައްޔާރުވެގެންނެވެ. ވޯލްޑް ކަޕް ފެންވަރުގެ ކުޅުމެއް ކުޅުމުގެ ބަދަލުގައި އެހެން އުކުޅުތައް ބޭނުންކުރާނެކަން ފްރާންސްގެ ކުޅުންތެރިން ލަފާކުރި އެވެ. އެހެންވެ އެ ފުރުސަތު ނުދޭން ތިބީ ނިންމައިގެންނެވެ.
ޕެނެލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ޖެހި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ އެކަން ފާހަގަކޮށްފަ އެވެ. ފްރާންސް ބަހުން އޭނާގެ މެސެޖް އަމާޒުކުރީ، މުބާރާތުން އަދި ނުކަޓާ ޓީމުތަކަށެވެ.
"އަހަރެމެންނަށް ކުޅެން ޖެހޭނީ ކޮން ކަހަލަ މެޗެއްކަން ކުރިން ވެސް އެނގޭ. އަހަރެމެންނަށް ވެސް ހުތުރުކޮށް ކަންކަން ކުރެވޭނެ، އެކަން ކުރަން ވެސް އެނގޭ،" އެމްބާޕޭ ބުންޏެވެ.
"އަހަރެމެންނަށް އެނގޭ ހުތުރު ފުޓްބޯޅަ ކުޅެންވާ ގޮތް ވެސް."
މެޗުގެ ބައެއް ހިސާބުތަކުގައި ޕެރަގުއޭގެ ބައެއް ކުޅުންތެރިން ކައިރިވުމުން އެމްބާޕޭ ހޭތަން ފެނެ އެވެ.
މެޗު ނިމުމުން ދެ ޓީމުގެ ކުޅުންތެރިން ދަނޑުގެ މެދަށް އެއްވެ، އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ކިޔާހެދި އެވެ.
ޕެރަގުއޭގެ ކީޕަރު އޯލަންޑޯ ގިލް ސަލާންކުރަން އަތް ދިއްކޮށްލުމުން އެމްބާޕޭ އަޅާނުލާ ދަނީ އެވެ. އެހެންވެ ގިލް ބޯޅައަކުން އެމްބާޕޭގެ ގައިގައި ޖަހަ އެވެ.
"އަހަރެން އުޅުނީ އޭނާއާ ސަލާންކުރަން އެކަމަކު އަހަންނަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދިނުމުން އަހަރެންގެ ރުޅި ކޮންޓްރޯލްނުވީ،" ގިލް ބުންޏެވެ.
ފްރާންސް ޓީމުގެ ރަޔާން ޗާކީ ވަނީ އޭނާގެ ކެޕްޓަންގެ ވާހަކައަށް ތާއީދުކޮށްފަ އެވެ.
"އަހަރެމެންނަށް އެނގޭ މިއަދު އަހަރެމެންގެ ޓެކްނިކަލް އަދި ޓެކްޓިކަލް ހުނަރު އެހާ ބޮޑަށް ނުދެއްކޭނެކަން،" ޗާކީ ބުންޏެވެ.
"އެންމެންނަށް ވެސް ހަނދާންކޮށްދޭން ބޭނުން ފްރާންސް ޓީމަކީ ހަމައެކަނި ފުޓްބޯޅަ ނޫންކަން. ކަލޭމެން ހަނގުރާމައަކަށް ދާ ނަމަ މިއީ އަހަރެމެންގެ ފަރާތުން ލިބޭނެ ރައްދު."
އެމްބާޕޭގެ ވާހަކައަށް ބާރު ލިބޭ މަންޒަރެއް ޕެނެލްޓީ ޖަހަން އުޅުނު ވަގުތު ފެނުނެވެ. ވީއޭއާރު ބަލައިގެން ރެފްރީ ނިންމި ނިންމުމާ އެކު ޕެނެލްޓީ ސްޕޮޓް ކައިރިއަށް ޕެރަގުއޭގެ ބައެއް ކުޅުންތެރިން އެއްވި އެވެ. ކުރަން އުޅޭ ކަންތައް އެނގުމުން އުސްމާނޭ ޑެމްބަޕޭ ހުރީ ބޯޅަ ހިފައިގެން ސްޕޮޓް މަތީގަ އެވެ.
އެ ހިސާބުން ކުޅުންތެރިން ދުރުކުރަން ރެފްރީ މަސައްކަތްކުރި އިރު ޕެރަގުއޭގެ ގުސްތާވޯ ވެލަކުއެޒް މަސައްކަތްކުރީ ބޫޓުގެ ކޮޅުން ޕެނެލްޓީ ސްޕޮޓުގައި ވަޅުގަނޑެއް ހަދާށެވެ.
އެމްބާޕޭ ޕެނެލްޓީ ޖެހީ ގިލް ހަރަކާތްކުރި ފަޅި ނޫން އަނެއް ފަޅިއަށެވެ.
ހުތުރު ފުޓްބޯޅަ ކުޅެންވާ ގޮތް އަހަރެމެންނަށް އެނގޭ: އެމްބާޕޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ