ކިންގްސް ކަޕް: ސެމީއަށް ހޯކްސް، ކޯރާކޯރާ، ސްޓެލްކޯ އަދި އެއިޓީފޯ

ކްލަބް މޯލްޑިވްސް ކިންގްސް ކަޕްގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތަކަށް ފަހު، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ. ރޭ ކުޅުނު މެޗުތަކުން ބަލިވެ ވަރުގަދަ ޓީމުތަކެއް ކަޓާފައިވާއިރު، އޭގެތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެގެން އައި އެސްޓީއޯ އާއި އެމްޓީސީސީ ހިމެނެއެވެ. އެސްޓީއޯގެ މައްޗަށް ސްޓެލްކޯ ރިކްރިއޭޝަން ކްލަބުން 2-1 އިން ކުރި ހޯދިއިރު، އެ މެޗުގައި ސްޓެލްކޯގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ނަޒާމް އާއި ޝުއައިދު ސައީދެވެ. އެސްޓީއޯގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ މުހައްމަދު އިމްރާން (އިންމި) އެވެ. ކްލަބް މޯލްޑިވްސް ކިންގްސް ކަޕުގެ ކުއާޓާފައިނަލުގައި ސްޓެލްކޯއާއި އެސްޓީއޯ ބައްދަލުުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ އަނެއްކޮޅުން އެމްޓީސީސީ އާއި އޭދަފުށީގެ އެއިޓީފޯ އެފްސީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިސްމާއީލް ވަޖީހު (ވައްޖެ) ގެ ގޯލުން އެމްޓީސީސީ ކުރީގައި އޮއްވައި، އެއިޓީފޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ހުސާމެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެމްޓީސީސީގެ ދެ ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، އެއިޓީފޯއިން ވަނީ 5-2 ގެ ނަތީޖާއަކުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ ތިންވަނަ ހޯދައިގެން ކުއާޓާއަށް އައި ސްޓެލްކޯ އާއި އެއިޓީފޯއިން ވަރުގަދަ ދެ ޓީމު ކަޓުވާލިއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން އާރްއާރްސީ ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. ކްލަބް މޯލްޑިވްސް ކިންގްސް ކަޕުގެ ކުއާޓާފައިނަލުގައި އެއިޓީ ފޯ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ ރޭ ކުޅުނު އަނެއް ދެ މެޗު ކާމިޔާބުކޮށް ހޯކްސް އާއި ކޯރާ ކޯރާ މޯލްޑިވްސް ވެސް ވަނީ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދައިފައެވެ. ހޯކްސް އިން ސެމީގެ ޖާގައެއް ހޯދީ އުތީމު އެފްސީއާ ވާދަކޮށް 2-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ހޯކްސްގެ އިޝާން އިބްރާހީމް (ސައްޓު) ދެ ގޯލު ޖެހިއިރު، ލޫތު އަހުމަދު ފަތުހީ އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ފާސިރު (ފާއްޓެ) ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކުރި އެވެ. ކްލަބް މޯލްޑިވްސް ކިންގްސް ކަޕުގެ ކުއާޓާފައިނަލުގައި ހޯކްސް އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ އުތީމުގެ ދެ ގޯލު ވެސް ޖަހައިދިނީ މުހައްމަދު ސަޚާއު އެވެ. ކޯރާ ކޯރާ ސެމީ އަށް ދަތުރުކުރީ ކޮންރަޑް ރިސޯޓް އަތުން 0-4 އިން ފަސޭހަ މޮޅެއް ހޯދައިގެންނެވެ. އެ ޓީމަށް ގޯލުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މައިސާން އާއި، އިބްރާހީމް އަނާން އަލީގެ އިތުރުން ދެ ގޯލު ކާމިޔާބުކުރި ރައުލް ނިޔާޒު އެވެ. ރައުލްގެ އެއް ގޯލަކީ ޕެނަލްޓީއެކެވެ. ޖުމްލަ 12 ޓީމު ވާދަކުރި މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ ޖޫން 12 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ. ފުރަތަމަ ސެމީގައި އެއިޓީފޯ އެފްސީ ނުކުންނާނީ ހޯކްސްއާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ސްޓެލްކޯ ބައްދަލުކުރާނީ ކޯރާ ކޯރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ