ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރާ ބިން އިސްލާމީ ވުޒާރާއާ ހަވާލުކޮށްފި

ރާއްޖޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތް އެޅުމަށް ކަނޑައަޅާފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ މިއަދު ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ, ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރުއެވެ. މި ބޮޑު މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފޭސް ދޭއް އަދި ފޭސް ތިނެއް ގުޅޭ ސަރަހައްދުގައެވެ. މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، އަލަށް ބިނާކުރާ މި މިސްކިތް ވެގެންދާނީ ގިނަ ވަސީލަތްތަކެއް އެކުލެވޭ ކޮމްޕްލެކްސްއަކަށެވެ. އެގޮތުން، ނަމާދުކުރާ ބައިގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ކަންކަންވެސް މި އިމާރާތުގައި ހިމެނޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބޮޑު މަޝްރޫޢަށް ފައިނޭންސް ކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ