ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން މެދުކަނޑާލައިފި، އިޓަލީން ފޮނުވާ ޓީމު މާދަމާ ރާއްޖެ އަންނާނެ

ވ. އަތޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު 60 މީޓަރު ފުނުގައިވާ ހޮހޮޅައަކަށް ޑައިވްކުރި އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކު ނިޔާވުމާ އެކު، ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން މިއަދު މެދުކަނޑާލައިފި އެވެ.
ސަރުކާރުުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް "މިހާރު" އަށް މިރޭ ވިދާޅުވީ ކޯސްޓްގާޑުގައި ތިބީ ހާއްސަ ތަމްރީނުތައް ލިބިފައިވާ، ގާބިލް ބައެއް ކަމަށެވެ. ނަމަވެސް، އެ މަސައްކަތުގައި އުޅުނު ކޯސްޓްގާޑުގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިއަދު މެންދުރު ފަހު ނިޔާވުމުން އެ އޮޕަރޭޝަން ވަނީ މެދުކަނޑާލާފައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯސްޓްގާޑުން ފެށި މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލިޔަސް، އިޓަލީ ސަރުކާރުން ފޮނުވާ ޑައިވަރުންގެ ތަޖުރިބާކާރު ޓީމެއް މާދަމާ ހެނދުނު ރާއްޖެ އައުމުން އަލުން މަސައްކަތް ފަށާނެ ކަމަށެވެ. އެ ޓީމު އައިސް، ސިފައިންގެ ޓީމާ ބައްދަލުކޮށް، މި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް ހަދާނެ ކަމަށް މުންދު ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި މީހުން ހޯދަން ހަވާލުކޮށްފައިވަނީ އިޓަލީގެ ޑޭން ނަމަކަށް ކުންފުންޏަކަށެވެ. ނަމަވެސް، ރާއްޖެ އަންނާނީ ހޮހަޅައަށް ފީނުމުގައި ވެސް ހުރި ތަޖުރިބާ ހުރި ފިންލެންޑުގެ ތިން ޑައިވަރުންނެވެ.
"އެ ޑައިވަރުން އަންނާނީ ޓެކްނިކަލް އިކުއިޕްމަންޓާ އެކު،" މުންދު ވިދާޅުވި އެވެ. 
އެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ދޭން އިޓަލީއަށް ހުށަހަޅައިފަ އެވެ. އަދި މި އޮޕަރޭޝަނުގައި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ ޓެކްނިކަލް ސަޕޯޓު ލިބޭނެކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. 
"އެމްވީ ޑޫކް އޮފް ޔޯކް" ގައި ފީނަން ގޮސް އުޅެނިކޮށް ފަސް މީހަކު ގެއްލުނެވެ. އެއީ ހަތަރު ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނުނަސް ބާކީ ތިބި ހަތަރު މީހުން އަދި ނުފެނެ އެވެ.
އެމްއެންޑީއެފުން އެ ދުވަހު ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ