ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނަށް، ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ އިޓަލީވިލާތުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމެއްގައި ޑައިވްކުރުމުގެ ތިން ޓެކްނިކަލް ތަޖުރިބާކާރަކު، މާދަމާ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ. އެމީހުންނަކީ ފިންލޭންޑު މީހުންކަން ހާމަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ އެ މީހުން ރާއްޖެ އަންނާނީ އެކަމަށް ބޭނުންވާ ހާއްސަ އިކުއިޕްމެންޓްތައްވެސް ހިފައިގެން ކަމަށެވެ.
މި އޮޕަރޭޝަނަށް އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ސަރުކާރުތަކުން ވެސް ފަންނީ އެހީ ފޯރުކޮށްދޭނެކަން ހާމަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ އެ ތިން މީހުން ވެސް ހަރަކާތްތެރިވާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނާ އެކު ކަމަށެވެ.
މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ ފަތުރުވެރިން ހޯދުމަށް މަސައްކަތް ކުރަނިކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްޓާފް ސާޖަންޓް، މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އެ އޮޕަރޭޝަން މަޑުޖައްސައިލައިފައިވާ ކަމަށެވެ. އަދި ފިންލޭންޑުގެ ޑައިވަރުންނާ މަޝްވަރާކުރުމަށްފަހު އެ އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތަށް އެމްއެންޑީއެފް އިން ނިންމާވައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
.އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.
އިޓަލީގެ ޑައިވަރުން ހޯދަން ބޭރުގެ ތަޖުރިބާކާރުން މާދަމާ ރާއްޖެއަށް އަންނާނެ: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ