އައު ކައުންސިލަރުންނާއި އތމ ކޮމިޓީގެ މެމްބަރުން މަޤާމަށް އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުކުރެވުނު މެންބަރުން މަގާމަށް އަހުލުވެރިކުރުމަށް " ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމު ނިންމާލައިފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ މަޤްސަދަކީ އައު ދައުރަކަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މަޤާމަށް އަހުލުވެރިކުރުވައި މެންބަރުންގެ ދައުރާއި ޒިންމާއާއި މަސްއޫލިއްޔަތުތައް އަންގައިދީ އެފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ކައުންސިލްތަކާއި އ.ތ.މކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޢުލޫމާތު ފޯރުވައިދިނުމެވެ.
އެލްޖީއޭއާއި މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ލޯކަލް ގަވަރނަންސް، އެމްއައިއެލްޖީ ގުޅިގެން މިމަހުގެ 10 އަކުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި 174 ކައުންސިލާއި 166 އ.ތ.މކޮމިޓީގެ މެމްބަރުން ބައިވެރިވިއެވެ. އަދި ސެކްރެޓަރީ ޖެނެރަލުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން 74 ބޭފުޅަކުވެސް ބައިވެރިވިއެވެ.
މިޕްރޮގްރާމުގެ ސެޝަންތަކުގައި ތެރެއިން ލާމަރުކަޒީ ނިޒާމާއި، ނިޒާމުގެ ޤާނޫނީ އޮނިގަނޑާއި، ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، ކައުންސިލަރުންގެ ދައުރާއި، ތަރައްޤީއަށް ރޭވުމާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި، ކައުންސިލްގެ އިދާރީ ހިންގުމާއި، މާލީ އިންތިޒާމްތަކާއި، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤާއި، ޑިޖިޓަލް ގަވަރނަންސާއި ޕާފޯމަންސް މެނޭޖްމަންޓް ނިޒާމާއި، ހެޔޮ ހިންގުމާއި ގުޅޭ މުހިންމު މަޢުލޫމާތުވަނީ ދީފައެވެ. ސެޝަންތަކުގައި މިމަޢުލޫމާތުތައް ދެއްވީ އެލްޖީއޭއާއި ސިވިލް ސަރވިސް ކޮމިޝަނާއި އިންފޮމޭޝަން އޮފީހުގެ ފަރާތުންނެވެ. މިސެޝަންތަކުގައި ބައިވެރިންގެ ސުވާލުތަކަށް އޮންލައިންކޮށް ޖަވާބު ދިނުމުގެ އިތުރުން ކޮންމެ ދުވަހަކުވެސް ސެޝަންތަކަށްފަހު ސުވާލުތަކަށް ޖަވާބުދިނުމަށް ޚާއްސަ ސެޝަންތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ބައިވެރިން ނިސްބަތްވާ ކައުންސިލަށް ވަޑައިގެން ކައުންސިލާއި އ.ތ.މކޮމިޓީގެ އެހެން މެމްބަރުންނާއެކު ޕްރޮގްރާމުގައި ބައިވެރިވުމުގެ އިދާރީ އިންތިޒާމް ކައުންސިލްތަކުންވަނީ ހަމަޖައްސާދީފައެވެ. އެގޮތުން ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުން އެއްތަނަކުން ޕްރޮގްރާމުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައި އޮތުމުން ތަމްރީން ސެޝަންތަކުގައި ފޯރުކޮށްދެވުނު މަޢުލޫމާތާމެދު ޓީމެއްގެ ގޮތުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމުގެ ފުރުސަތު ލިބުނުކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ