އެސްޓީއޯ އިން ހިއްސާއަކަށް 85ރ. ބަހަނީ

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާގެ މަގުން ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފިއެވެ. މިއީ އެސްޓީއޯގެ ފަހުގެ ތާރީހެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާކަން ފާހަގަކޮށްލެވެއެވެ.
ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މިރޭގެ ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952,358 ހިއްސާ ތަމްސީލްކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓު ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 263 މެމްބަރުން ބައިވެރިވިއިރު، އޭގެ ތެރެއިން 176 މެމްބަރުން ޖަލްސާއަށް ހާޒިރުވިއެވެ. އަދި 87 މެމްބަރުން ބައިވެރިވީ ޕްރޮކްސީ މެދުވެރިކޮށެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 80 ރުފިޔާއެވެ. އެހެންކަމުން މި އަހަރު ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރަށްވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ. މިއީ އެސްޓީއޯ ޕަބްލިކް ކުންފުންޏަކަށް ބަދަލުވި ފަހުން ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު ފައިދާއެވެ.
އެސްޓީއޯގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުންފުނީގެ އަމާޒަކީ އާ ވިޔަފާރިތަކުން ހޯދާ އާމްދަނީ 5 ޕަސެންޓަށްވުރެ އިތުރުކޮށް، 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު ސާފު ފައިދާ އެއް ބިލިއަނަށް އިތުރުކުރުން ކަމަށެވެ. "މިހާރު ކުންފުނީގެ ކުރިއެރުން ހުރި ގޮތަށް ބަލާއިރު، މި އަމާޒަށް އޭގެ ކުރިން ވެސް ވާސިލްވެވިދާނެ،" ޝިމާދު ވިދާޅުވިއެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ސަބްސިޑަރީ ކުންފުނިތަކާއެކު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެސްޓީއޯއަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ