ލަންޑަން (މެއި 16) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ ދެ އަހަރު މުބާރާތުގެ ފައިނަލުގައި ބަލިވި، ސިޓީން މި ފަަަހަރު މި ވަނީ އެ ކްލަބްގެ ތާރީހުގައި ހަތް ވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފަ އެވެ. މިއީ، ސިޓީގެ ކޯޗުކަމާ 2016 ވަަނަ އަހަރު ހަވާލުވި، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމުން ހޯދި 20 ވަނަ ތަށްޓެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީ އަށް ޖަހައިދިނީ ދެ ވަނަ ހާފުގައި އަންޓުއާން ސެމެންޔޯ އެވެ. ޖެނުއަރީ ޓްރާންސްފާގައި ބޯންމައުުތު ދޫކޮށް ސިޓީ އަށް ބަދަލުވި ގާނާގެ ސެމެންޔޯ މި ހިތްގައިމު ލަނޑު ޖެހީ މެޗުގެ 72 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުންނެވެ.
ސިޓީން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޗެލްސީ އަށް އެއްވަރުކޮށްދޭން އެންޒޯ ފެނާންޑޭޒް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ.
މެޗުގައި ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، މަތިއުސް ނޫނޭޒް އާއި ރަޔާން ޗާކީ ފޮނުވާލި ބޯޅަތައް ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަަތަކޮށްފަ އެވެ.
ސިޓީން ވަނީ މި ފަހަރުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ، ފައިނަލުގައި އާސެނަލް ބަލިކޮށްފަ އެވެ. މީގެ އިތުރުން، ސިޓީން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުންނެވެ. ލީގު ތާވަލުގައި ސިޓީ އޮތީ އާސެނަލް ފަހަތުން ދެ ވަނައިގަ އެވެ.
މިރޭގެ ފައިނަލާ އެކު، ޗެލްސީން މި ވަނީ އިނގިރޭސި ކަޕް މުބާރާތްތަކުގެ ފައިނަލިުގައި ޖެހިޖެހިގެން ހަަތް ފައިނަލުން ބަލިވެފަ އެވެ. އެއީ، ހަތަރު އެފްއޭ ކަޕް ފައިނަލާއި ތިން ލީގު ކަޕް ފައިނަލެވެ. ޗެލްސީން އެންމެ ފަހުން އެފްއޭ ކަޕެއް ހޯދީ އެންޓޯނިއޯ ކޮންޓޭ، އެ ޓީމަށް ކޯޗުކޮށްދިންއިރު އެވެ. އެއީ، 2018 ވަނަ އަހަރުގެ ފައިނަލުގަ އެވެ.
އެފްއޭ ކަޕް ފައިނަލުން މި ފަހަރު ބަލިވުމުން، އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތަކުން ޗެލްސީ އަށް ޖާގައެއް ނުލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ނުވަ ވަނައިގަ އެވެ. އެއީ، ބާކީ ދެ މެޗު އޮތްއިރު، 36 މެޗުން 49 ޕޮއިންޓާ އެކު އެވެ.
ޗެލްސީ ބަލިކޮށް ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ